ވިޔަފާރި ދެބަސްވުމެއްގައި އުޅޭ އޮސްޓްރޭލިއާއަށް، ޗައިނާއިން ދުއްތުރާ ކުރަމުން ދިއުމާ ގުޅިގެން އެކަމަށް ފިޔަވަޅެއްގެ ގޮތުން އޮސްޓްރޭލިއާއިން އައު ގާނޫނެއް ފާސްކޮށްފިއެވެ.

މި ގާނޫނުގެ ބާރުން އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރަށް އޮސްޓްރޭލިއާގެ ސްޓޭޓްތަކާއި އިދާރާތަކާއި ޔުނިވަރސިޓީތަކުން، ބޭރު ގައުމުތަކުގެ ސަރުކާރުތަކާއި ކުންފުނިތަކާއެކު ކޮށްފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއި ހުއްޓުވުމުގެ ބާރު ލިއްބައި ދެއެވެ.

އޮސްޓްރޭލިއާއެކު އިންވެސްޓްމެންޓާއި އިންފްރާސްޓްރަކްޗާއާއި ވިޔަފާރި ގުޅުމާއި ސަގާފީ ގުޅުމާއި ފަތުރުވެރިކަމާއި ތަޢްލީމާއި ސައިންސާއި ސިއްހަތާ ބެހޭ ދާއިރާގެ ގުޅުމުގައި ސޮއިކޮށްފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެނައުމުގެ ބާރު މި ގާނޫން ލިބިދެއެވެ.

މިގާނޫނުން އެންމެ ބޮޑަށް އަސަރުކުރާނެ ގައުމަކީ ޗައިނާ ކަމަށް ބެލެވެއެވެ. 2018 ވަނަ އަހަރު ޗައިނާއިން ވަނީ ރައީސް ޝީ ޖިންޕިން އެންމެ ގަޔާވެވަޑައިގަންނަވާ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓް އޮސްޓްރޭލިއާގައި ހިންގުމަށް ވިކްޓޯރިއާ ސްޓޭޓާއެކު ސޮއިކޮށްފައެވެ.

ވޫހާނުން އުފެދިގެން އައި ކޮރޯނާ ވައިރަސްގެ ހަގީގަތް ހޯދުމަށް ތަހްގީގެއް ހިންގަން ޖެހޭނެ ކަމަށް އޮސްޓްރޭލިއާއިން ގޮވާލުމާ ގުޅިގެން އެޕްރީލް މަހުން ފެށިގެން ޗައިނާއިން ގެންދަނީ އޮސްޓްރޭލިއާގެ މުދާ ޗައިނާއަށް އެތެރެ ކުރުމުގައި ދަތިކުރަމުންނެވެ.

އޮސްޓްރޭލިއާގެ އެކްސްޕޯޓްގެ 70 އިންސައްތަ ދަނީ ޗައިނާއަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަނީ އޮސްޓްރޭލިއާގެ ސިފައިންގެ މީހަކު އަފްޣާނިސްތާންގެ ކުޑަ ކުއްޖަކު ކަރު ބުރިކޮށްލާ ފޭކް ކުރެހުމެއްވެސް ޓުއީޓާއަށް ލައިފައެވެ. އޮސްޓްރޭލިއާއިން އެކަމަށް މައާފަށް އެދުމަށް ގޮވާލުމުން ތަރުޖަމާން ވަނީ މަލާމާތް ކުރައްވާފައެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނާ ގޮތުގައި އެގައުމުން 30 ގައުމަކާއެކު 130 އެއްބަސްވުމުގައި ސޮއިކޮށްފައި ވެއެވެ.

އައު ގާނޫނު ބުނާ ގޮތުން ތިން މަސްދުވަސްތެރޭ ސްޓޭޓްތަކާއި އިދާރާތަކާއި ޔުނިވަރސިޓީތަކުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި އެ އެއްބަސްވުންތައް ގޮސްފައިވާ ހިސާބު ފޮރިން މިނިސްޓްރިއަށް އަންގަން ޖެހޭނެއެވެ.