ކޮރޯނާވައިރަހާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ ހަނގުރާމަ އާކޮށްފި އެވެ. ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19ގެ އައު ރާޅުގައި އެތައް މިލިއަން ބަޔަކަށް ވައިރަސްގެ އަސަރުކޮށްފައިވެއެވެ.

ބެންގަލޯރގެ އެއަރޕޯޓުން ޓެސްޓް ކުރުމުގެ ތެރޭގައި ފައްސިވެފައިވާ 12 ކޭސްގެ ތެރޭން ދެ މީހަކީ ޗައިނާއަށް ދަތުރުކޮށްފައިވާ ދެމީހުންނެވެ.

އަލުން ކޮރޯނާ ވައިރަސް ޖެނުއަރީ މަހު އޭގެ އެންމެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ. ޗައިނާގެ ސިއްހީ އިންފްރާސްޓްރަކްޗާ އަނެއްކާވެސް ވަނީ ކޭސް ލޯޑް އިތުރު ވުމުން ގޮން ޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އިންޑިއާގައި ދެވަނަ ކޯވިޑް ރާޅުގެ ތެރޭގައި ފެނުނު ހިތާމަވެރި ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މިދިޔަ ހަފްތާއިން ފެށިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އިމަޖެންސީ ފިޔަވަޅުތައް އަޅައިފަ އެވެ.

އިންޑިއާއިން ކޯވިޑްގެ ހާލަތާ ގުޅޭ ގޮތުން މި 10 ނުކތާ ފާހަގަ ކުރެވެއެވެ.

1) މިއަދު ގައުމުގެ ހަސްފަތާލްތަކާއި އެހެން ކަމާ ގުޅުން ހުރި ތަންތާގނގައި މޮކް ޑްރިލްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

2) ދެވަނަ ބޫސްޓަރ ޑޯޒް ޖެހުމަށް ރައްޔިތުންނަށް ބާރު އަޅާފައި ވެއެވެ. އިންޑިއާ ސަރުކާރުން ބޫސްޓަރ ޑޯޒް ދޭން ނިންމި ނަމަވެސް ގިނަ އަދަދެއްގެ މީހުން އަދިވެސް ބޫސްޓަރ ޑޯޒް ނުނަގާކަން ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ.

3) ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން ފެތުރެމުންދާ ގޯސް މައުލޫމާތު "އިންފޯޑެމިކް" އެއް ހުއްޓުވުމަށް ތަޖުރިބާކާރުންނާއި އައިއެމްއޭގެ މަންދޫބުންނަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

4) ހުރިހައި ސްޓޭޓެއްގައުވެސް ޚާއްސަ ފިޔަވަޅު އެޅުމަށް ނިންމާފައި ވެއެވެ.

5) ޑޮކްޓަރުންނާއި ނަރުހުންނާއި އޮކްސިޖަން ޕްލާންޓްތަކާއި ފީލްޑް ސްޓާފުންނާއި ހުއްދަ ލިބިފައިވާ ބޭސްތައް ހުރި މިންވަރު ބަލާފައި ވެއެވެ.

6) އިތުރަށް އާދަޔާ ހިލާފު ފިޔަވަޅެއްގެ ގޮތުން ދިއްލީ ސަރުކާރުގެ ސްކޫލްތަކުގެ ޓީޗަރުން ޑިސެމްބަރު 31 އާއި ޖެނުއަރީ 15 އާ ދެމެދު އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓް (އައިޖީއައިއޭ) ގައި ބައިތިއްބައި ފަސިންޖަރުން ކޯވިޑް ޕްރޮޓޮކޯލް އަށް ތަބާވާތޯ ބަލާނެއެވެ. ދިއްލީ އެއާޕޯޓުގައި ދަތުރުފަތުރުގެ ކާރޫބާރު ބޮޑުކަމުން ފަހަކަށް އައިސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

7) ކަރްނާޓަކާ ސަރުކާރުން ވެސް ވަނީ އާ އަހަރުގެ ހުރިހާ ހަރަކާތެއް ވެސް މެންދަމު 1 ޖަހާއިރު ނިންމަން އަންގާފައެވެ. އަދި މާސްކް އެޅުން މަޖުބުރުކޮށްފައެވެ.

8) ސިނަމާތަކާއި ސްކޫލްތަކާއި ކޮލެޖުތަކުގެ ތެރޭގައި މާސްކު އެޅުމަކީ މަޖުބުރު ކަމެކެވެ. އާ އަހަރު ފާހަގަކުރުމަށް ޕަބްތަކާއި ރެސްޓޯރެންޓްތަކާއި ބާތަކުގައި މާސްކު އަޅަން ލާޒިމްވާނެ އެވެ.

9) މިދިޔަ ހަފްތާއިން ފެށިގެން އެއާޕޯޓްތަކުގައި ސްކްރީންކުރުން އިތުރުކޮށްފައިވެއެވެ. އަދި ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، ސިންގަޕޫރު އަދި ތައިލެންޑުން އަންނަ މީހުންނަށް މިހާރު ޕީސީއާރު ޓެސްޓް ހެދުން ލާޒިމްކޮށްފައިވެއެވެ.

10) ޗައިނާގެ ކެސްތައް އިތުރު ވަނީ ބީއެފް.7 - އޮމިކްރޮންގެ ސަބްވެރިއަންޓް ގެ ސަބަބުން ކަމަށް ބުނެވެއެވެ. އިންޑިއާއިން މިހާތަނަށް މި ވައްތަރުގެ ހަތަރު ކޭސް ރެކޯޑް ކުރެވިފައިވެއެވެ.