މެކްސިކޯ-އެމެރިކާ ބޯޑަރު ސަރަހައްދަށް ސިފައިން ފޮނުވަން ފަށައިފި

0

އެމެރިކާއަށް އެތެރެވުމަށް ދަތުރުކުރަމުން އަންނަ ގާފިލާ ހުއްޓުވުމަށް،ޕެންޓަގަނުން 4،800 ސިފައިން، އެމެރިކާ-މެކްސިކޯ ބޯޑަރު ސަރަހައްދަށް އިއްޔެ ފޮނުވައިފިއެވެ.

މިގާފިލާ ހުއްޓުވަން 5،200 ސިފައިން އެސަރަހައްދަށް ފޮނުވާނޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

Advertisement

ގާފިލާ ހުއްޓުވުމަށް އެމެރިކާ-މެކްސިކޯ ބޯޑަރު ސަރަހައްދަށް ފޮނުވުމަށް ހަމަޖެހިފައިވާ 5،200 ސިފައިންގެ ތެރެއިން 4،800 ސިފައިން އެސަރަހައްދަށް ދިޔުމަށް އިއްޔެ ފުރާފައިވާއިރު، ބާކީ ތިބި ސިފައިން އެސަރަހައްދަށް ދިޔުމަށް، މިއަދުގެ ވަގުތެއްގައި ފުރާނެ ކަމަށް، އެމެރިކާގެ އަސްކަރީ ޑިޕާޓްމެންޓުގެ ތަރުޖަމާނު ކާނަލް ބޮބް މެނިންގް ވިދާޅުވެފައިވެއެވެ.

މިކަމާބެހޭ ގޮތުން ކާނަލް އިތުރަށް ވިދާޅުވެފައި ވަނީ، ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ކަންތައް ބެލެހެއްޓުމުގެ ކަންތަކާ، ގާތްގަނޑަކަށް 7000 އެއްހާ އެމެރިކާ ސިފައިން، ވަރަށް އަވަހަށް ހަރަކަތްތެރިވާނޭ ކަމަށެވެ.

އެމެރިކާ-މެކްސިކޯ ގުޅޭ ބޯޑަރު ސަރަހައްދުގައި، އެމެރިކާ އަސްކަރިއްޔާގެ 2،100 އެއްހާ ސިފައިން މިހާރުވެސް، ހަރަކާތްތެރި ވަމުން ގެންދެއެވެ. ޕެންޓަގަނުން އެސަރަހައްދަށް އަލަށް ފޮނުވާ ސިފައިންނާއެކު، އެސަރަހައްދުގައި، އެމެރިކާ އަސްކަރިއްޔާގެ 9000 އެއްހާ ސިފައިން ހަރަކާތްތެރިވާނެ ކަމަށް ބެލެވެއެވެ.

އެމެރިކާއަށް އެތެރެ ވުމަށް އަންނަ ގާފިލާ ހުއްޓުވުމަށްޓަކައި، އެމެރިކާ-މެކްސިކޯ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިން، ގާފިލާއާއި ސީދާ ގޮތެއްގައި ކުރިމަތިލުމަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

އެމެރިކާއަށް އެތެރެވުމަށް އަންނަ ގާފިލާ އަކީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ދަތުރު ކުރަމުން އަންނަ ގާފިލާއެކެވެ. މިގާފިލާގައި ހިމެނެނީ މެދުތެރޭ އެމެރިކާ މީހުންނެވެ. އެކިއެކި ސަބަބުތަކާ ހުރެ އަމިއްލަ ގައުމު ދޫކޮށް އެމެރިކާއަށް ހިޖުރަކުރުމަށް އަންނަ ގާފިލާއަކީ ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައި އެގައުމަށް އެތެރެވުމަށް އަންނަ ގާފިލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ، ގަވާއިދާއި ޚިލާފަށް އެމެރިކާއަށް އެތެރެވިޔަ ނުދެއްވާނޭ ކަމަށާއި، އެނބުރި ގައުމަށް ދިޔުމަށް ގާފިލާއަށް ގޮވާލާފައެވެ.

Advertisements