ރާޖަޕަކްސަ މަގާމަށް ގެންނެވުމުގެ ކުރިން އެ ފުރުސަތު މަޖިލީހުގެ ރައީސަށް ދެއްވިން: ސިރީސޭނާ

0

ސްރިލަންކާގެ ބޮޑުވަޒީރު ކަމަށް އެގައުމުގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސް އައްޔަން ކުރުމުގެ މާކުރިން، އެމަގާމާއި ހަވާލު ވުމަށް އެދި ލަންކާ ޕާލިމެންޓުގެ ރައީސަށް ދައުވަތު އެރުއްވި ކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު، ލަންކާގެ ބަޓާރަމުއްލާގައި ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސްރީސޭނާ ވިދާޅުވެފައިވަނީ، ޕާލިމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާއާ މީގެ އަށް މަސް ކުރިން ބައްދަލު ކުރައްވައި،  ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށް ވަރަށް ގިނަ ފަހަރުމަތިން އެމަނިކުފާނު އެދި ވަޑައިގެންނެވި ކަމަށެވެ.

Advertisement

އެހެން ނަމަވެސް ކަރޫ އެކަމާ ދެކޮޅު ހެއްދެވި ކަމަށެވެ. އަދި އޫއެންޕީގެ ޑެޕިއުޓީ ލީޑަރު ސަޖިތް ޕްރަމަދާސާއަށް އެ ދައުވަތު ދެއްވުމަށް ވެސް، ކަރޫ ލަފާދެއްވި ކަމަށެވެ.

ނަމަވެސް، ބޮޑުވަޒީރުގެ މަގާމުގައި އެއިރު ހުންނެވި ރަނިލް ވިކްރަމަ ސިންހެގެ ލީޑާޝިޕާއި ވާދަނުކުރެއްވޭނެ ކަމަށް ވިދާޅުވެ، މަގާމަށް ވަޑައިގަތުމަށް ސަޖިތުވެސް އިންކާރު ކުރެއްވި ކަމަށެވެ.

މަގާމަށް ވަޑައިގަތުމަށް އެދި މިދެބޭފުޅުންނަށް ދައުވަތު އެރުއްވި ވަގުތު، ބޮޑުވަޒީރު ކަމުގައި އެއިރު ހުންނެވި ރަނިލްގެ ކަންތައް ހުންނެވި ގޮތުން އޭނާއާއެކު އިތުރަށް މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވި ކަމަށް ވެސް ސިރީސޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް ސިރީސޭނާ ވިދާޅުވެފައިވަނީ، ބޮޑުވަޒީރުގެ މަގާމަށް މިދިޔަ މަހު 26 ވަނަ ދުވަހު، ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ އައްޔަން ކުރެއްވީ، ގައުމު ހިންގެވުމުގައިއާއި ދާޚިލީ އަދި ޚާރިޖީ މައްސަލަތަކުގައި، ކަންތައް ކުރައްވާނޭ ގޮތުގެ ތަޖުރިބާއާއި ތައުލީމު ރާޖަޕަކްސައަށް ލިބިވަޑައިގެންފައި ވުމާއެކު، އެމަގާމަށް އައްޔަން ކުރައްވަން ދެން އެންމެ އެކަށީގެންވާ ބޭފުޅަކީ ރާޖަޕަކްސަ ކަމަށް ސިރީސޭނާއަށް ފެނިވަޑައިގަންނަވާތި ކަމަށެވެ.

މީގެއިތުރުން، ކެބިނެޓާއި ޕާލިމެންޓުގެ މަޝްވަރާ ނުހޯއްދަވައި އެމަނިކުފާނު އަމިއްލަފުޅާށް ކަންކަމުގައި ގޮތް ނުނިންމަވާ ކަމަށް ވެސް ސިރީސޭނާ ވިދާޅުވެފައިވެއެވެ.އަދި މަގާމުން ރަނިލް ދުރުކޮށް އެމަގާމަށް ރާޖަޕަކްސަ އައްޔަން ކުރައްވާފައިވަނީ، ގާވާއިދާއި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ސިރީސޭނާ މިހެން ވިދާޅުވި ނަމަވެސް، ލަންކާ ޕާލިމެންޓުން ހޯމަދުވަހު ނެރުނު ބަޔާނެއްގައި އެޕާލިމެންޓުގެ ރައީސް ވިދާޅުވެފައިވަނީ، ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު، ރާޖަޕަކްސައަށް ލިބިވަޑައި ނުގަންނަވާހާ ހިނދަކު އެމަނިކުފާނަކަީ ބޮޑުވަޒީރު ކަމުގައި ބަލައި ނުގަންނަވާނޭ ކަމަށެވެ.

Advertisements