މާލޭ ރަސްމީ ފާލަމާ ދިމާއިން ފަޅުތެރެއަށް އެޅިފައިވާ ކަޅު ތެޔޮ ނަގައި އެ ސަރަހައްދު ސާފުކޮށްފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެ ތަަނުން ވިދާޅުވީ ކަޅުތެޔޮ ނަގައި އެމަސައްކަތް ނިންމާފައިވަނީ މިއަދު މެންދުރު 1:35 އެހައިކަންހާއިރު ކަމަށެވެ. މިހާތަނަށް 15 ފީފާ ތެޔޮ ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލެ އޭރިއާ ސިފައިން ގުޅިގެންނެވެ.

ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ޖެނުއަރީ އެއްވަނަ ދުވަހު ހެނދުނު 9:10 އެހައިކަންހާއިރު އެވެ. އެ ހިސާބުން ފެށިގެން ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު ވަނީ ތެޔޮ ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.