ފެށިފައި މިވާ 2023 ވަނަ އަހަރަކީ އިންޑިއާ ދުނިޔޭގެ މަސްރަހުގައި ތިން ވަނަ ބާރުގެ ގޮތުގައި ފޅުވާނެ އަހަރު ކަމަށް ނިއްކީ އޭޝިއާއިން ބުނެއެވެ. އިންޑިއާ ވެގެން ދާނީ ދުނިޔޭގެ އެންމެ ބައިބޯ ގައުމުކަމަށްވެސް ބައެއް އަންދާސާތަކުން ދައްކައެވެ.

ޖުލައި މަހު އދ އިން ލަފާކޮށްފައި ވަނީ 2023 ވަނަ އަހަރު ޗައިނާގެ އާބާދީ ދަށްވާނެ ކަމަށެވެ. އަދި އެއާއެކު އިންޑިއާގެ އާބާދީ އިތުރުވެ ޗައިނާ ފަހަނައަޅައި ދާނެ ކަމަށެވެ. 2050 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގައި 1.6 ބިލިއަން މީހުން ތިބޭއިރު ޗައިނާގައި 1.3 ބިލިއަން މީހުން ދިރިއުޅޭނެ ކަމަށް އދގެ އަންދާސާތަކުން ދައްކައެވެ.

ޒުވާން އާބާދީއަކީ ގައުމެއްގެ އިގްތިސާދީ އިންޖީނުގެ ހަކަތައެވެ. އިންޑިއާގައި އާބާދީ ޒުވާން ވެފައި މަސައްކަތްކުރާ އުމުރުގެ އާބާދީ އިތުރުވުމަކީ އެގައުމުގެ އިގްތިސާދީ ކުރިއެރުމުގެ މުހިންމު މަސްދަރެއް ކަމުގައި ވާނެއެވެ. އަދި އެއާ ޚިލާފަށް ޗައިނާގެ އާބާދީގެ ޒުވާންކަން ފަނޑުވެ އުމުރުން ދުވަސްވާ އާބާދީ އިތުރުވަމުން ދާނެއެވެ. އިންޑިއާ ބާރެއްގެ ގޮތުގައި އުފެދުމުން ބައިނަލްއަގްވާމީ ސިޔާސީ މައިދާނުގައި އެގައުމަށް އައު ހަކަތައެއް ލިބިގެންދާނެ އެވެ.

ހިމާލިއާ ފަރުބަދަމަތީގައި ޗައިނާއާއެކު އިންޑިއާގެ ބޯޑަރު މައްސަލަތައް ބޮޑުވަމުންދާކަމީ ފާހަގަ ކުރަން ޖެހޭ ކަމެކެވެ. މިކަން ވެގެން ގޮސްފައިވަނީ އިންޑިއާއަށް އެމެރިކާއާ ގާތް ވުމަށް ލިބުނު ފުރުސަތަކަށެވެ. ނިއުދިއްލީ ވަނީ އެމެރިކާއާއި އެމެރިކާގެ އަސްކަރީ އެކުވެރިންނާ ގާތްވެ ގުޅުން ބަދަހިކޮށްފައެވެ. އެކަމަކީ، ޓައިވާންގައި ނުވަތަ އެހެން ތަންތަނެއްގައި ވިއަސް ޗައިނާގެ އަސްކަރީ އެޑްވެންޗަރިޒަމް ހުއްޓުވުމަށް ބެއިޖިން އެހީތެރިވެދޭނެ ކަމެކެވެ.

އެމެރިކާއާއި ޗައިނާގެ ވާދަވެރިކަމުގައި އެމެރިކާއިން މަތީ ފެންވަރުގެ ޓެކްނޮލޮޖީން ޗައިނާ ބާކީ ކުރުމުން ފުރުސަތު ފަހި ވެގެން ދާނީ ޗައިނާއަށެވެ. އަދި ޓެކްނޮލޮޖީ ސަޕްލައި ޗޭންތައް އަލުން ބިނާކުރުމުން އިންޑިއާއަށް ފައިދާހުރި އެތައް ކަމެއް ފެނިގެން ދާނެއެވެ.

އެގޮތުން، އެޕަލް ކުންފުނިން ދަނީ އިންޑިއާގައި އައިފޯން 14 އުފައްދަމުންނެވެ.

އިންޑިއާއަށް މަތީ ފެންވަރުގެ ޓެކްނޮލޮޖީ ލިބުމަށް ފަހިވާނެ އަނެއް ކަމަކީ، ސެމީކޮންޑަކްޓަރ އުފެއްދުމުގައި އިންޑިއާއިން ކާމިޔާބީ ހޯދުމެވެ. އިންޑިއާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޓާޓާ ސަންސްގެ ޗެއާމަން ނަޓަރަޖަން ޗަންދްރަސެކަރަން ވަނީ އިންޑިއާގައި ސެމީ ކޮންޑަކްޓަރ އުފެއްދުމަށް ރާވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ އެންމެ ފާހަގަ ކުރެވޭ ވަރުގަދަ އެއް ކަމަކީ އިންޑިއާގެ މިނިވަން ޑިޕްލޮމެސީ އެވެ. އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާއާއެކު ކުއަޑްގެ މެމްބަރެއްގެ ގޮތުގައި އޮވެގެންވެސް، ރަޝިޔާއާއެކު އަސްކަރީ ޑްރިލްތަކުގައި ބައިވެރިވެ، އިންޑިއާއިން ދަނީ އެގައުމުގެ މަސްލަހަތަށް ފައިދާ ހުރި ސިޔާސަތުތައް ހިންގަމުންނެވެ. އިންޑިއާިއން ދަނީ، މޮސްކޯއިން ހަތިޔާރާއި ތެޔޮ އެތެރެކުރެއެވެ.

އަނެއް ކޮޅުން، ބެއިޖިންއާ އެކު ބޯޑަރުގެ މައްސަލަތަކެއް އޮތް ނަމަވެސް އިންޑިއާއިން ބްރިކްސްގެ އޮނިގަނޑަށް އިހުތިރާމް ކުރެއެވެ. ކެތްތެރި ވެއެވެ. ޗައިނާއާއެކު ގުޅުން ކަނޑައެއް ނުލައެވެ.

ޖޫން މަހު ބޭއްވި ބްރިކްސްގެ ބްލޮކް ސަމިޓެއްގައި އިންޑިއާ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ޝީއާ ބައްދަލުކުރައްވާފައެވެ.

އިންޑިއާއިން ދަނީ މިއަހަރު ޖީ20ގެ ރިއާސަތު ބަލަހައްޓަމުންނެވެ. އިންޑިއާއިން އަދާކުރާ އެ ރޯލެއްގައި ޖީ20ގެ ލީޑަރުންގެ ސަމިޓާއި ގިނަ ވަޒީރުންގެ ބައްދަލުވުންތައް އިންޑިއާގައި ބޭއްވިގެން ދާނެއެވެ.

އިންޑިއާގައި 2024 ގައި އާންމު އިންތިޚާބު ބާއްވާއިރު ބޮޑު ވަޒީރު މޮދީ އެހުންނެވީ ލީޑާޝިޕް ދެއްކެވުމަށް ކެތްމަދުވެފައެވެ.

މި އާ އަހަރަކީ އެމެރިކާ، ޗައިނާ އަދި އިންޑިއާ ބައިވެރިވާ ތިންގައުމުގެ ނާރެސްގެ އައު ދުނިޔެއެއްގެ ފެށުމަކަށް ވެދާނެ އެވެ. ނިއުދިއްލީން ހޯދަމުންދާ ކުރިއެރުންތަކަކީ އިންކާރު ކުރެވެން އޮތް ކުރި އެރުންތަކެއް ނޫނެވެ!