ޖަރުމަންވިލާތުގެ ސެޓެލައިޓާއި ރޭޑާ ޓެކްނޮލޮޖީގެ ކުންފުންޏެއް ޗައިނާއިން ގަންނަން މަސައްކަތް ކުރުމުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެކަމަށް ބުނެ ޖަރުމަން ސަރުކާރުން އެކަން ހުއްޓުވައިފިއެވެ. ޖަރުމަންވިލާތުގެ އައިއެމްއެސްޓީ ކުންފުނި ގަތުމަށް މަސައްކަތް ކުރީ މިސައިލް އުފެއްދުމުގެ މަސައްކަތުގައި އުޅޭ ޗައިނާ ސަރުކާރުގެ ޗައިނާ އެރޯސްޕޭސް އެންޑް އިންޑަސްޓްރީ ގްރޫޕުންނެވެ.
ޗައިނާއާއި ޖަރުމަންވިލާތު މިދުވަސްވަރު އުޅެނީ ވިޔަފާރީގެ ދެބަސްވުމެއްގައެވެ. ކުރިން ގާތް ވިޔަފާރީގެ ގުޅުމެއް އޮތް ދެ ގައުމުގެ ދެމެދު މައްސަލަ ހޫނުވެފައި ވަނީ ޗައިނާއިން އެގައުމުގެ ސަރުކާރު ކުންފުނިތަކަށް ސަބްސިޑީ ދިނުމާއި ޖަރުމަންގެ އުފެއްދުންތަކަށް ވާދަވެރި ފުރުސަތެއް ނުދިނުމާއި، ޗައިނާގެ މާކެޓަށް ޖަރުމަން ކުންފުނިތަކުން ވަނުމަށް ފުރުސަތު ނުދިނުމުންނެވެ.
ގުޅުން ހުރި ލިޔުން:
އޮސްޓްރޭލިއާއާއި ޗައިނާގެ ވިޔަފާރި ކޯޅުން
ރޮއިޓާސްއިން ބުނި ގޮތުގައި ޖަރުމަން ސަރުކާރުން މި ކުންފުނި ޗައިނާގެ އަތު ޖެއްސިޔަ ނުދިނުމަށް މަސައްކަތް ކުރީ، މިއީ މުހިންމު ޓެކްނޮލޮޖީ ގެންގުޅޭ ކުންފުންޏަކަށްވެފައި މި ކުންފުނީގެ ތަޖުރިބާއާއި މުހިންމު މަޢްލޫމާތު ޗައިނާއަށް ލިބިއްޖެނަމަ، ޖަރުމަންގެ ގައުމީ ސަލާމަތަށް އެއިން ނުރައްކާ ވެދާނެތީއެވެ.
ޖަރުމަންވިލާތުގައި 5ޖީއާއި 6ޖީ ޓެކްނޮލޮޖީ އުފެއްދުމުގައިވެސް މިކުންފުނިން އިސް ދައުރެއް އަދާ ކުރެއެވެ. އަދި ޖަރުމަން އޭރޯސްޕޭސް މަރުކަޒުގެ މަސައްކަތުގައިވެސް މިކުންފުންޏަކީ މުހިންމު ބައިވެރިއެކެވެ.
ޖަރުމަންވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ވަނީ ވަކި ކުންފުންޏެއްގެ ނަން ބުނުމަށް އުޒުރުވެރުވެފައެވެ. ނަމަވެސް ޔޫރަޕް ނޫން އެހެން ހިސާބެއްގެ ކުންފުންޏަކުން ޖަރުމަންގެ މުހިންމު ކުންފުންޏެއް ގަންނަން މަސައްކަތް ކުރުމުން ކެބިނެޓުން ވަނީ ސިއްރު ބައްދަލުވުމެއްގައި ގައުމީ ސަލާމަތަށް ނުރައްކާ ވާނެކަމަށް ނިންމައި އެކުންފުނި ނުވިއްކާން ނިންމާފައި ކަމަށް އެ މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވިއެވެ.
ޗައިނާ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިކަމާ ގުޅޭ އެއްވެސް މައްލޫމާތެއް އެފަރާތަށް ލިބިފައި ނުވާ ކަމަށެވެ.
ޚާއްސަ ގޮތެއްގައި ޗައިނާ ކުންފުނިތަކުން ޖަރުމަންގެ ހައްސާސް ޓެކްނޮލޮޖީގެ ކުންފުނިތައް ގަތުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ބަރލިން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. ޔޫރަޕް ނޫން ގައުމަކުން ޖަރުމަން އެއްވެސް ކުންފުންޏެއްގެ ދިހަ އެއް އިންސައްތައަށް ވުރެން އިތުރު މިންވަރެއް ގަތުމަށް މަސައްކަތް ކޮށްފިނަމަ އެކަމެއް ގައުމީ ސަލާމަތުގެ ނަމުގައި ޖަރުމަން ސަރުކާރަށް ހުއްޓޫވޭ ގޮތަށް މިހާރު ވަނީ ގަވާއިދު ހަދާފައެވެ.