ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނާއިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގައި ހުޅުމާލޭ ދާއިރާ ތަމްސިލު ކުރައްވާ ކައުންސިލަރ އިބްރާހީމް ޝުޖާޢު ކުރެއްވި ޓްވީޓަކަށް @Muzd909 ނަމުގައި ހުޅުވާފައިވާ ޓްވިޓަރ ހެންޑްލް އަކުން ރައްދުދީ ޝުޖާޢު އަށް މަރުގެ އިންޒާރު ދީފައިވާތީ، އެކަމާ ކަންބޮޑުވާ ކަމަށާއި އަވަސް މައްސަަލައެއްގައި ގޮތުގައި އެކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ.

އިބްރާހީމް ޝުޖާޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ގޮވާލައިފައެވެ. މި އެކައުންޓްގެ ވެރި ފަރާތާއި އެކައުންޓް ހިންގާ ފަރާތް ކޮންމެ ތަނެއްގައި ހުރިނަމަވެސް މިހާރުން މިހާރަށް ހައްޔަރުކޮށް ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލައިފައެވެ. "މިކޯލިޝަންގެ ލީޑަރޝިޕާއި އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެކި ގޮތްގޮތަށް ދިމާކޮށް ފުރައްސާރަކޮށް ބިރު ދައްކާ މަރުގެ އިންޒާރު ދެމުން އަންނަކަމާއި، މިފަދަ ކަންކަން ވަރަށް ސީރިއަސް މައްސަލައިގެ ގޮތުގައި ބައްލަވާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައި ދަންނަވަމެވެ." ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައިވެއެވެ.

މިއީ ފަރުވާ ކުޑަކޮށް ދޫކޮށްލައިގެން ތިބެވޭނެ ކަންކަން ނޫންކަމަށާއި، މިފަދަ އިންޒާރުތަކުން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކޮށްފައިވާ ޙުކުމާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލާނެ ކަމަށް ވާދަވެރި އެމްޑިޕީއާއި ސަރުކާރަށް ހީވުމަކީވެސް ކުށް ހީއެއް ކަމުގައި އެ ކޯލިޝަނުން ބުނެފައިވެއެވެ. ކިތަންމެ ވަރަކަށް ބިރު ދައްކާ އިންޒާރު ދިން ނަމަވެސް އެ ކޯލިޝަންގެ ލީޑަރޝިޕާއި އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި ދިވެހި ރައްޔިތުން ތިއްބެވީ ދޫދޭ ގޮތަކަށް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.