އިޒްރޭލުގެ އެއިރުގެ ބޮޑު ވަޒީރު އިސްހާގް ރާބީން، އޮސްލޯ މުއާހަދާގައި ސޮއިކުރުމުން ހައްދުފަހަނައަޅާފައިވާ ޔަހޫދީން އެކަމާ ދެކޮޅަށް ނިކުތެވެ. އޭގެ ތެރޭން އެކަކަކީ އިޓަމާރް ބެން ޣަފީރެވެ. ރާބީންގެ ކެޑިލަކް ކާރުގެ ކުރިމައްޗަށް ހުއްޓިގެން ހުރެ، ކާރުގެ ނިޝާން އޭނާ ނައްޓާލުމަށްފަހު ކެމެރާތަކުގެ ކުރިމައްޗަށް ދިއްކޮށްލާފައި ބުންޏެވެ.

"މި އޮތީ ކާރުގެ ނިޝާން އަހަރަމެންނަށް ލިބިފައި. އެގޮތަށް އަހަރަމެން ރާބީންވެސް އަތުލައި ގަންނާނަން" އޭނާގެ އިންޒާރުގެ ބަރާބަރު ތިން ހަފްތާއަށް ފަހު އަމީރު ކިޔާ ޔަހޫދީއަކު ބަޑި ޖަހައި އިޒްރޭލު ބޮޑު ވަޒީރު ރާބީން އަވަހާރަކޮށްލިއެވެ!

ޓެރަރިޒަމަށް މޫލާފައިވާ، އިޒްރޭލުގެ ހިޓިލަރަކީ ވައްކަމާއި ޚިޔާނާތާއި ޓެރަރިޒަމްގެ ކުށްތަކުގައި ދައުވާ ކޮށްފައިވާ މީހެކެވެ. އޭނާއަކީ އިޒްރޭލު މިހާރުގެ ސަރުކާރުގެ އެންމެ ބާރުގަދަ އެކެވެ. މަގާމުގެ ގޮތުން އޭނާއަކީ ސެކިއުރިޓީ މިނިސްޓަރެވެ. ފުލުހުންނަށް ބާރު ފޯރުވާނީ އޭނާއެވެ.

1976 ވަނަ އަހަރު ހިފާފައިވާ ގުދުސްއަށް އުފަން އިޓަމާރް ބެން ޣަފީރަކީ ކުރުދީ ދަރިކޮޅުގެ ޔަހޫދީއެކެވެ. އޭނާގެ މައިންބަފައިންނަކީ އިރާގުން ހިޖުރަކޮށްފައިވާ ކުރުދީން ޔަހޫދީންގެ ބައެކެވެ.

އޭނާގެ މައިންބަފައިންނަކީ ސެކިއުލާ ޔަހޫދީންގެ ބައެކެވެ. ނަމަވެސް ފުރާވަރުގައި ކަނާތު ފިޔައިގެ މީހުންގެ އަވައިގައި އޭނާ ވަނީ ހައްދުފަހައަޅައި ގޮސްފައެވެ. ފަހުން އޭނާގެ ސިޔާސީ ކެރިއަރު ބިނާކުރީ ހައްދުފަހަނައަޅާފައިވާ ސިޔާސީ ފިކުރަށެވެ.

އޭނާއަށް ސިޔާސީ ގޮތުން އެންމެ ބޮޑު ނުފޫޒަކަށްވީ ހައްދުފަހަނައަޅާފައިވާ އެމެރިކާގެ ޔަހޫދީ ޒަޔަނިސްޓް މާޔާރް ކާހާނާއެވެ. ކާހާނާއަކީ، ބެން ޣަފީރެކޭ އެއްފަދައިން އެމެރިކާއިން ޓެރސރިސްޓުންގެ ލިސްޓްގައި ހިމަނާފައި އޮތް މީހެކެވެ.

މި ދެވެރިންނަކީވެސް އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އިސްހާގް ރާބީން، ސޮއިކުރި އޮސްލޯ މުއާހަދާއާ ދެކޮޅަށް ވާހަކަ ދައްކައި ރާބީން އަވަހާރަކޮށްލުމަށް ހިތްވަރުދިން މީހުންނެވެ.

ބެން ޣަފީރަކީ، އަރަބިންނާއި ޔަހޫދީ ކައިވެންޏާ ދެކޮޅު އަދި ފަލަސްތީނުގެ އަރަބި އާބާދީ ފައްސާލަން ވަކާލާތު ކުރާ އިޒްރޭލު ޔަހޫދީންނަށް ޚާލިސް ބިމަކަށް ހަދާފައި ބޭއްވުމަށް ވަކާލާތު ކުރާ މީހެކެވެ. އަދި ފަލަސްތީނު ސަރުކާރު އުވާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދަށް އަޔަ ނުދިނުމަށްވެސް އޭނާ ގޮވލައެވެ.

ބެން ޣަފީރަކީ އިޒްރޭލުގެ ސެކިއުރިޓި އެޖްނސީތަކަށް ބީރައްޓެހި މީހެއް ނޫނެވެ. އޭނާގެ ޓެރަރިސްޓް އަމަލު ތަކުން އިޒްރޭލުގެ ސަލާމަތީ ބާރުތަކުން އޭނާ ފާހަގަ ކޮށްފައި ބެހެއްޓިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އުމުރުން 18 ފުރިގެން ސިފައިންގެ ތެރެއަށް ވަނުމަށް އެދުމުން އިޒްރޭލު ސަލާމަތީ ބާރުތަކުން ވަނީ އޭނާ ވެއްދުމާ ދެކޮޅު ހަދާފައެވެ.

ބެން ޣަފީރަކީ ޓެރަރިސްޓް އަމަލުތަކުގެ މާޒީއެއް އޮތް މީހެކެވެ.

ރާބީން އަވަހާރަކޮށްލި ޔީގަލް އަމީރު ޖަލުން މިނިވަން ކުރުމަށް މުޒާހަރާތައް ބާއްވައި އެމުޒާހަރާތައް ލީޑް ކޮށްހެދީވެސް ބިން ޣަފީރެވެ. ރަބީން އަވަހާރަ ކޮށްލީ 1995ގައެވެ.

1994 ވަނަ އަހަރު ޚަލީލު ސަހަރުގައި މިސްކިތެއްގައި ނަމާދަށް ތިބި ފަލަސްތީނު މީހުންގެ ގަޔަށް ބަޑި ޖަހައި އިބްރާހީމީ މިސްކިތުގައި 29 މީހުން ޝަހީދުކޮށްލި ބަރޫޗް ގޯލްޑްސްޓައިން އަށް ބެން ގަފީރު ވަނީ ސަޕޯޓް ކޮށް ވާހަކަ ދައްކާފައެވެ.

ބެން ޣަފީރަކީ އުސްތާޒެކެވެ. އިޒްރޭލުގެ ގާނޫނުލްއުގޫބާތުގައި ބެންޣަފީރާ ދެކޮޅަށް ދައުވާ ނުކުރާ ބާބެއް މަދުވާނެއެވެ. އޭނާއާ ޝަރުއީ ނިޒާމުގެ ކޯޅުމާއި އަބަދުވެސް ވަކީލުންގެ އެހީތެރިކަން ހޯދަން ޖެހޭ މިންވަރު ގިނަވެގެން އޭނާ ވަނީ ގާނޫނު ކިޔަވާފައެވެ. އެހެންވެ، އެއީ އަލްއުސްތާޒް ބެން ޣަފީރެވެ!

އިޒްރޭލުގެ ވެރިރަށް ޓެލްއަވީވް ކައިރީގައި އޮންނަ ކިރިއާތު އޮނޯގެ އެކަޑަމިކް ކޮލެޖުގައި ގާނޫނީ ކިޔެވުމަށްފަހު އޭނާ ވަނީ އަބަދުވެސް އަމިއްލަ ދިފާއުގައި ކޯޓުތަކުގައި ވާހަކަ ދައްކފައެވެ.

އޭނާއާ ދެކޮޅަށް އާންމުކޮށް ކުރާ ދައުވާތަކަކީ، ނަސްލީ ތަފާތުކުރުމާއި، މީހުންގެ މުދަލަށް އަރައި ގަތުމާއި، ޕްރޮޕެގެންޑާ ތަކެތި ގެންގުޅުމިއ ޓެރަރިސްޓް ޖަމާއަތަކަށް ހިތްވަރު ދިނުމާއި ޓެރަރިސްޓް އަމަލުތައް ހިންގައި އެއަށް ބާރުވެރިވުމުގެ ކުށުގެ ދައުވާއެވެ.

މިހާރު މި ޓެރަރިސްޓަކީ ޔަހޫދީ ޓެރަރިސްޓް ދައުލަތުގެ ޓެރަރިސްޓް ފުލުހުނަށް އަމުރު ހިންގަން ހުރި ވެރި މީހާއެވެ!

ބެން ޣަފީރަކީ ހިޔަޅެކެވެ. އިންތިޚާބަށް ކުރިމަތިލައިގެން ދައްކާފައިވާ ވާހަކައިގައި އޭނާ ވަނީ ސުލްހައަށް ބާރުއަލައި ޓެރަރިޒަމާއި ހަރުކަށި އަމަލުތަކުން ދުރުވާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް އޭނާ ވަނީ ހޮވި ގޮނޑި ލިބުމުން އޭނާގެ އަސްލު ސިޔާސަތުތައް ހަމަ އެގޮތުގައި ދަމަހައްޓާފައެވެ.

މިދިޔަ އިންތިޚާބުގައި ބެން ޣަފީރަކީ ނަަތަންޔާހޫއާ ދެކޮޅަށްވެސް ކެމްޕޭން ކުރި މީހެކެވެ. އޭނާއަށް އެކަށީގެންވާ ވަރަށް ގޮނޑި ނުލިބުމުން އޭނާ ވަނީ ނަތަންޔާހޫއާއެކު ސަރުކާރެއް އެކުލަވާލާފައެވެ.

ޖެރޫސަލަމް ޕޯސްޓުގައި މިއަދުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އިޒްރޭލުގެ މެދުމިނުގެ މީހުން ދެކެނީ ނަތަންޔާހޫގެ ސަރުކާރު ދެމި ނޯންނާނެ ކަމަށެވެ. އަދި ބެން ޣަފީރުމެން ފަދަ ހަރުކަށި މީހުންނާއެކު ސަރަހައްދުގެ ހަމަނުޖެހުމަކަށް އިޒްރޭލު ވައްޓާލާނެ ކަމަށެވެ.