އިޓާލިއަން ސީރިއޭގައި ނަޕޯލީ އަތުން 5-1 ގެ ބޮޑު ތަފާތަކުން ޔުވެންޓަސް ރޭ ބަލިވެއްޖެއެވެ.

ނަޕޯލީގެ މަޝްހޫރު ޑިއޭގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ނަޕޯލީން ކާމިޔާބު ކުރި ފަސް ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި ނައިޖީރިއާގެ ފޯވާޑް ވިކްޓަރ އޮސިމްހެންއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީން 14 ވަނަ މިނެޓުގައި ލީޑް ނެގީ އޮސިމްހެންގެ ލަނޑުންނެވެ. އެކަމަކު ފުރަތަމަ ހާފް ނިމެން ތިންމިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ ތަރި އެންހެން ޑިމަރިއާގެ ލަނޑުން ޔުވެންޓަސްއިން އެއްވަރު ކުރިއެވެ.

ނަޕޯލީން ޔުވެންޓަސްގެ ގޯލު ފޫދުއްވާލީ ދެވަނަ ހާފުގައި އަލްބޭނިޔާގެ އާމިރް ރަހްމާނީ އާއި އޮސިމްހެން އަދި މެސަޑޯނިޔާގެ އެލިފް އެލްމަސް އާއި މިސީޒަނުގައި ޔޫރަޕުގެ ބޮޑެތި ޓީމުތަކުގެ ލޯއަމާޒުވެފައިވާ ޖޯޖިއާގެ ޒުވާން ހުނަރުވެރި ވިންގަރ ޚަވިޗާ ވަރަޓަސްޚައިލިއާއެވެ.

ޔުވެންޓަސްއަށް ކޮޅަށް ގިނަ ލަނޑުތަކެއް ވަދެފައި މިވަނީ އެޓީމުން މިދިޔަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު އޭސީމިލާން އަތުން 2-0 އިން ބަލިވިފަހުން ބައިކޮޅަށް އެންމެ ލަނޑެއްވެސް ވަނަނުދީ 8 މެޗް ހަމަކޮށްފައި ވަނިކޮށެވެ.

މިމޮޅާއެކު ނަޕޯލީއަށް ތާވަލުގެ ކުރީގައި 10 ޕޮއިންޓުގެ ލީޑެއް ވަނީ ލިބިފައެވެ. އެއްވަނައިގައި ނަޕޯލީ އޮތީ 47 ޕޮއިންޓާއެކުއުއެވެ. ދެވަނައިގައި އެންމެފަހުގެ ޗެމްޕިއަން އޭސީމިލާން އަދި ތިންވަނައިގައި ޔުވެންޓަސް އޮތީ 37 ޕޮއިންޓާއެކުއެވެ. އެކަމަކު މިރޭ ވެރޯނާ އަތުން އިންޓަމިލާން މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ.