އެކުވެރިކަމުގެ މެޗެއް ކުޅުމަށް އާޖެންޓީނާ ގައުމީ ޓީމު ގެނައުމަށް މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާޒީ ސަލާހުއްދީނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވަނީ އާޖެންޓީނާ ގައުމީ ޓީމު ގެނައުމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ރަސްމީކޮށް އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނަށް ހުށަހެޅީ އާޖެންޓީނާގައި ހުންނަ ބަންގްލަދޭޝްގެ އެމްބެސެޑަރު ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހު ބަންގްލްދޭޝްއަށް އާޖެންޓީނާ ގެނައުމަށް ކަމަށެވެ.

މިފަހަރުގެ ވަރލްޑް ކަޕުގައި ބަންގްލަދޭޝް ރައްޔިތުންގެ ގިނަބަޔަކު އާޖެންޓީނާއަށް ކުރި ސަޕޯޓް ދުނިޔޭގެ ސަމާލުކަމަށް އައުމުން، އެކަން ބަލައިގަނެ ޝުކުރު އަދާކުރުމަށް އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ވަނީ ބަންގްލަދޭޝްގެ އެމްބެސަޑަރާ ބައްދަލުވެސް ކޮށްފައެވެ.

އާޖެންޓީނާ ގައުމީ ޓީމަށް ބަންގްލަދޭޝްގައި އަބަދުުވެސް ބޮޑު ސަޕޯޓެއް އޮވެއެވެ. ބަންގްލަދޭޝްއިން ވަނީ 2011 ވަނަ އަހަރުވެސް އާޖެންޓީނާ ގައުމީ ޓީމު އެގައުމަށް ގެނެސް އެކުވެރިކަމުގެ މެޗެއް ކުޅުވައިފައެވެ. އެފަހަރު އާޖެންޓީނާގެ އިތުރުން ބަންގްލަދޭޝްއިން ގެނައީ ނައިޖީރިއާއެވެ.

"އަހަރެމެން މަަސައްކަތް ކުރަމުން މިދަނީ އާޖެންޓީނާ ގައުމީ ޓީމު ބަންގްލަދޭޝްއަށް ގެނައުމަށް. އެކަމަކު އަދި އެއްވެސް ކަމެއް ހަމައެއް ނުޖެހޭ" ބަންގްލަަދޭޝްގެ މީޑިޔާތަކަށް ދިން އިންޓަވިއުއެއްގައި ކާޒީ ބުންޏެވެ.