ސަރުކާރުން މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ސިޔާސަތުތަކާ ދިމާ ފެޔަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީ ކެމްޕޭނަށް ތ. ތިމަރަފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުމީހާގެ ޖީބަށް އާމްދަނީ ވަންނާނޭ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ރަށްރަށުގައި އާމްދަނީ އިތުރުކުރެވޭނޭ މަޝްރޫއުތައް ހިންގުން މުހިންމު ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ރަައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތުބޮޑުވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަަވެސް މިސަރުކާރުން މިހާރު ބޮޑަށް ބަަލަނީ ރަށްރަށުގައި މަގުހެެދުމާއި އެފަދައެހެނިހެން މަޝްރޫއުތައް ހިންގުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދޅުވީ ރައްޔިތުން ހިފެހެއްޓުމަކީ ވެސް އެމްޑީޕީގެ ސިޔާސަތެއް ނޫންކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން މަސައްކަތް ކުރަނީ އެކަން އެގޮތަށް ކުރުމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ވިސްނުމާއި ސިޔާސަތަކީ ރައްޔިތުންނަށް މިނިވަންކަމާއެކު އުޅެވޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށާއި ރައްޔިތުން އޮބަހައްޓައިގެން ލިބޭނޭ ތަރައްގީއެއްވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސަރުކާރުން އަމިއްލަ ވިޔަފާރިވެރީންގެ ތަރައްގީއަށް ވެސް މަސައްކަތް ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހުރިހާކަމެއް މިހެން ހުރީ މިއީ އެމްޑީޕީގެ ސަރުކާރަކަށް ނުވާތީ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ކޯލީޝަން ސަރުކާރެއް ކަމަށެވެ.