މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އިއުލާން ކުރައްވައިފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން ފެށުމުގެ ޖަލްސާ ފެބުރުވަރީ 3 ގައި ބާއްވަން ނިންމަވައިފިއެވެ.

އުމަރު މިކަން އިއުލާން ކުރެއްވީ މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާން ކުރުމާއެކީގައެވެ. އުމަރު ވިދާޅުވީ އޭނާގެ ކެމްޕޭން ފުރަތަމަ ޖަލްސާ އޮންނާނީ ފެބުރުވަރީ 3 ވާ ހުކުރުދުވަހުގެ ރޭ 9:00 ގައި ސަލްޓަންޕާކުގައި ކަމަށެވެ. "އަޅުގަޑުގެ ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ އޮންނާނީ ތިނެއް ފެބްރުވަރީވާ ހުކުރު ދުވަހުގެރޭ ނަވަގަޑި ސުންމިނިޓުގައި ސަލްޓަންޕާކުގައި،" އުމަރު ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފަހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް، ދިވެހިރާއްޖެ މުޅިން އާމިސްރާބަކަށް ގެންދިއުމަށް ރައްޔިތުން އޭނާއާއެކު ތިބުމަށް ވެސް އުމަރުވަނީ އެދިވަޑައިގެންފައެވެ. އެހެން ނޫނީ ރާއްޖެ ދެންވެސް ދާނީ ކުރިންވެސް ދިޔަގޮތަށް ކަމަށެވެ.

ރިޔާސީއިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އިއުލާން ކުރައްވައިފައިވަނީ އުމަރުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ރައީސް ނަޝީދެވެ.