ކޮވިޑުގެ ވަބާއާ ކުރިމަތިނުވެ އާންމު ހާލުތައި ވެރިކަން ކުރަން ލިބިވަޑައިގެންނެވިނަމަ ތަރައްގީ މަސައްކަތްތައް މިހާރަށްވުރެވެސް ބޮޑަށް ފުރިހަމަވީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕޭނަށް ހއ. އިހަވަންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮވިޑުގެ އުނދަގޫ ހާލަތާއެކުވެސް ފަސް އަހަރުތެރޭގައި އެހެން ސަރުކާރަކަށް ނުގެނެވޭވަރުގެ ތަރައްގީ އެންމެ ދެ އަހަރުތެރޭގައި އެމަނިކުފާނުވަނީ ގެނެސްދެއްވާފައި ކަމަށެވެ.

ކޮވިޑުގެ ހާލަތުމަތީން ބައެއް މީހުން ހަނދާންނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ފާއިތުވި ހަތަރު އަހަރަކީ އާންމު ހާލަތުގައި ދިޔަ އަހަރުތަކެއް ކަމަށްވިނަމަ މިހާރަށްވުރެވެސް ބޮޑަށް ގައުމުގައި ތަރައްގީގެ މަޝްރޫއުތައް ހިނގުނީސް ކަމަށް ރައީސް ވިދާޅުވިއެވެ. "އެހެންމަވެސް ލިބުނު ދެ އަހަރެއްހާ ދުވަސްތެރޭގައި އެއްވެސް ސަރުކާރަކުން ފަސްއަހަރުތެރޭގައި ނުކުރެވޭ ވަރުގެ ތަރައްގީގެ ގިނަ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންނަށް ހިންގިއްޖެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް މެދުކަނޑާނުލައި ދެންވެސް ކުރިއަށް ގެންދަން ޖެހޭކަމަށެވެ. އެކަން ކުރެވޭނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ފުރުސަތު ދެއްވައިގެން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނޫނީ އަނެއްކާ ވެސް މަގުމަތީގައި ތިބެންޖެހިދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.