ނައިޖީރިއާގެ އުތުރުގެ ހިސާބެއްގައި ހުންނަ ސްކޫލަކަށް ހަނގުރާމަވެރިންގެ ބަޔަކު މި ހަފްތާގައި ދިން ހަމަލާއަށްފަހު 337 ކިޔަވާކުދިން އަދިވެސް ވީތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ނައިޖީރިއާ ސަރުކާރުން ހާމަކޮށްފިއެވެ.

ސައިކަލުތަކެއްގައި އައި ހަނގުރާމަވެރިންގެ ބޮޑު ގްރޫޕަކުން ހަމަލާ ދީފައިވަނީ ނައިޖީރިއާގެ ކަންކަރާގައި ސަރުކާރުން ހިންގާ ސައިންސް ސެކަންޑަރީ ސްކޫލަށެވެ. އެ ސްކޫލަކީ މުޅިންވެސް ފިރިހެން ދަރިވަރުން ކިޔަވަންދާ ސްކޫލެކެވެ.

ފުލުހުން ތުހުމަތުކުރަނީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކުދިން ކިޑްނެޕްކުރީ ކަމަށް ބެލެވޭ ކަމަށާއި، އަދި މިއީ ހަނގުރާމަވެރިން އެކުދިންގެ އާއިލާތަކުގެ ކިބައިން ފައިސާ ހޯދުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ހަނގުރާމަވެރިން ކިޑްނެޕްކުރި ކިޔަވާކުދިންގެ ތެރެއިން 446 ކުދިންވަނީ އަނބުރާ އެކުދިންގެ އާއިލާތަކާ ހަވާލުކޮށްފައެވެ. އެކަމަކު 337 ކުއްޖަކު އަދިވެސް ނުފެނެއެވެ.

ކިޔަވާކުދިން ވަގަށްނެގި ގްރޫޕުން މިހާރު ގެންދަނީ، ސްކޫލްގައި ކިޔަވައިދޭ އަބްދް ލަބަރާން ނަމަކަށްކިޔާ ޓީޗަރެއް މެދުވެރިކޮށް، ޑިމާންޑްތަކެއް ކުރަމުންނެވެ. ނަމަވެސް އެއީ ކޮން ޑިމާންޑްތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އަދި ހެލިކޮޕްޓަރު ބޭނުންކޮށްގެން ސަރަހައްދުގައި ހޯރައަޅައި، ކިޔަވާކުދިން ހޯދުމަށް މަސައްކަތް ނުކުރުމަށް ސަރުކާރަށް އަންގައި ދިނުމަށްވެސް ހަނގުރާމަވެރިންވަނީ ޓީޗަރު ގާތު ބުނެފައެވެ.

ކަންކަރާ ހިމެނޭ ކަޓްސީނާ ސްޓޭޓް ސަރުކާރުންވަނީ، ވަގަށް ނެގި ކުދިން އަނބުރާ ދިނުމުގެ ބަދަލަށް ހަނގުރާމަވެރިން ފައިސާއަށް އަދި ނޭދޭކަން މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، ހަނގުރާމަވެރިން ޑިމާންޑްކުރާ ކަންކަމެއް ހާމައެއް ނުކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ނައިޖީރީ ސިފައިން މިހާރު ގެންދަނީ މުޅި ސަރަހައްދުގައި އަތްފުނާއަޅައި، ގެއްލިފައިވާ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ނައިޖީރިއާގެ ސްކޫލަކަށް ހަމަލާދީ އެތައްސަތޭކަ ކިޔަވާކުދިން ކިޑްނެޕްކުރި މައްސަލަ އދއިން ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެއްވެސް ޝަރުތަކާ ނުލައި ހުރިހާ ކިޔަވާކުދިން ވަގުތުން ދޫކޮށްލުމަށްވެސް ގޮވާލާފައި ވެއެވެ.