ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ރަސްމިއްޔާތު ބާއްވައިފައިވަނީ ޣާޒީ ސްކޫލްގައި ކަމަށާއި މިއީ މާލޭގެ ތިން ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މިގޮތުން މި ޕްރޮގްރާމުގައި ބައިވެރިވި ސްކޫލުތަކުގެ ތެރޭގައި:

  • ތާޖުއްދީން ސްކޫލް
  • ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
  • އަދި ހުޅުމާލެ ޣާޒީ ސްކޫލު ހިމެނެއެވެ.

ފުލުހުން ވިދާޅުވީ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ހެޑް އޮފް ރޯޑްޕޮލިސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ތާޖުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ޣާޒީ ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިކަމެވެ.

މިގޮތުން، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ކުއްޖަކުވެސް ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް އަހުލާގު މުހިންމު ރޯލެއް ކުޅޭ ކަމުގައްޔާއި އަދި ނިމިގެން މިދިޔައީ ކޮންމެ ކުއްޖެއްގެ މުސްތަގުބަލަށްޓަކައިވެސް ކުރެވުނު މުހިންމު މަސައްކަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އިންސާނީ މުޖުތަމައެއް ކުރިއަރައި ކާމިޔާބުވެދިއުމަށްޓަކައި މުޖުތަމައަކަށް އެންމެ ބޭނުންވާ އެއްޗަކީ އަމާންކަމާއި ރައްކާތެރިކަން ކަމަށެވެ. އަދި ކުރު މުއްދަތަކަށް ހިންގި މިފަދަ ތަމްރީނެއްގައި ބައިވެރިވެ ސެޓްފިކެޓް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާއިފައިވެއެވެ.

މިމަހުގެ 21 އިން 25 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދިނުމާއެކު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށާއި ސްކޫލު ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުއާމަލާތުކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށާއި އަދި ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ފުލުހުން ވިދާޅުވީ މި ޕްރޮގްރާމަކީ ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމްގައި ތާޖުއްދީން ސްކޫލުގެ 36 ދަރިވަރުން ބައިވެރިވިއެވެ. އަދި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ 34 ދަރިވަރުންނާއި ހުޅުމާލެ ޣާޒީ ސްކޫލުގެ 34 ދަރިވަރުން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.