އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ގާނޫނުތައް ބަދަލުކުރަންޖެހޭ ކަމަށް ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ގުޅުވައިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި އޭނާ ތުހުމަތު ކުރެއްވީ ރިޔާސީ ޕްރައިމަރީން ފެނިގެން ދިޔައީ މި އަހަރު ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް މިސަރުކާރުން ނުފޫޒު ފޯރުވާނޭ ކަމުގެ ކުޑަ މިންވަރެއް ކަމަށެވެ.

"އެމްޑީޕީގެ ޕްރައިމަރީން ފެނިގެން މިދިޔައީ 2023 ގައި އޮންނަ ރިޔާސީއިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މިސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގާނެ މިންވަރުގެ ކުޑަވަރެއް،" ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ އެޕާޓީގެ އެންމެ އިސް ދެ ލީޑަރުންނެވެ. އެއީ ޕާޓީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ވާދަވެރި އިންތިޚާބަކަށްފަހު ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވީ ރައީސް ސާލިހެވެ. އެމަނިކުފާނު ވަނީ ވޯޓުލީ މީހުންގެ 61 ޕަސެންޓް ހޯއްދަވައިފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ. ރައީސް ސާލިހު މިހާރުވަނީ ވާދަވެރިކަން ދޫކުރައްވައި ގުޅިގެން ރިޔާސީ އިންތިޚާބަށް މަސައްކަތް ކުރުމަށް ރައީސް ނަޝީދަށް ދައުވަތު ދެއްވައިފައެވެ.