އެމްޑީޕީން މުޅިރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީ ކެމްޕޭނަކީ އެޕާޓީން މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އިންތިޚާބުކަމަށް އެޕާޓީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިޔުޓީ ޗެއާޕާސަން އަދި އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ މިއިންތިޚާބަކީ ސިޔާސީ ޕާޓީއަކުން ވެސް މިހާތަނަށް ބެއްވި އެންމެފުރިހަމަ އެންމެ ކާމިޔާބު އިންތިޚާބު ކަމަށެވެ.

ރާއްޖެގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްޔެވަނީ މިއިންތިޚާބު ބާއްވައިފައެވެ. އިންތިޚާބުގައި ޖުމްލަ 244 ވޯފޮށި ބެހެއްޓިއެވެ. އޭނާ ވިދާޅުވީ މިއަދާ ހަމައަށް އިންތިޚާބާ ބެހޭގޮތުން 60 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް ޝަކުވާތައް ބެލިއިރު ނަތީޖާއަށް އެއްވެސް ބަދަލެއް އަންނާނޭ ފަދަ ކަމެއް ހިނގާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝަކުވާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައިހުރީ ލިސްޓުގައި ނަން ނެތުމާއި ދާއިމީ އެޑްރެސް ބަދަލުވެފައި ހުރުން ފަދަ ޝަކުވާތައް ކަމަށް ވެސް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ވާދަކުރެއްވީ އެޕާޓީގެ އިސްލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މިއިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ސާލިހެވެ. އެމަނިކުފާނު ވަނީ 24،572 ވޯޓު ހޯއްދަވައިފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،631 ވޯޓެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 57،257 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން މާލޭގައި ތިބީ 7،000 މީހުން ކަމަށް އިބްރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އިންތިޚާބުގައި އޮޅުވާލައިގެން ނުވަތަ ވަގަށް ވޯޓުލުމުގެ އެއްވެސް ފުރުސަތެއްނެތް ކަމަށެވެ. ހުރިހާ ކަމެއްވެސް ދިޔައީ އިންސާފުން ރަނގަޅަށް ކަމަށް އިބްރޭ ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓުލާން ނުކުމެފައިވަނީ 71 ޕަސެންޓު މީހުންނެވެ. މިއިންތިޚާބުގައި ބެހެއްޓި 244 ފޮށީގެ ތެރެއިން ރައީސް ސާލިހު ވަނީ 200 ފޮށިން މެޖޯރިޓީ ހޯއްދަވައިފައެވެ. ރައީސް ނަޝީދަށް މެޖޯރިޓީ ލިބިވަޑައިގެންނެވީ 44 ފޮށިންނެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސާލިހު ވިދާޅުވީ ޕްރައިމަރީ ނިމިއްޖެ ކަމަށާއި ދެންއޮތީ ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.