އެމްޑީޕީ ދެފަޅިވުމަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު އެހެން ކެންޑިޑޭޓުންނަށް ފަސޭހަވެގެންދާނޭ ކަމެއްކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް ނަޝީދު ރައީސް ސާލިހާ ބައިއަތު ނުހިފުމުން އެކަމާ ވާހަކަ ދައްކަވަމުންނެވެ.

"އެމްޑީޕީ ދެބައި ވުމަކީ މެދުން އަރާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ލިބިގެންދާނޭ ފަސޭހައެއް،" އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަމަށް އިއުލާން ކޮށްފައިވާ ބޭފުޅެކެވެ. އުމަރުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ ފެބުރުވަރީ ތިންވަނަ ދުވަހުގެ ރޭ ސަލްޓަންޕާކުގައި އޮންނާނެއެވެ. އުމަރު ގެންދަވަނީ އެ ޖަލްސާއަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. ޖަލްސާގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.