އިޔާދަކުރަނިވި ހަކަތައިގެ އެހީގައި މި ދުނިޔެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުޅަދާނަވާން ބޭނުންނަމަ، އެފަދަ ހަކަތަ ރައްކާ ކުރުމަށް މޮޅު ގޮތްތައް ހޯދަންޖެހެއެވެ. ރައްކާ ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެފަދަ ހަކަތަ ރައްކާ ކުރެވޭ މުއްދަތެވެ. ދާދި ފަހުން ސައިންޓިސްޓުން ކުރި ދިރާސާއައެއްގެ ނަތީޖާ ބުނާގޮތުން، ދިގުމުއްދަތައް އެފަދަ ހަކަތަ ރައްކާ ކޮށްފައި ބެހެއްޓުމަށް ރަނގަޅު މާއްދާއެއް ހޯދިއްޖެއެވެ.

މި މާއްދާއަކީ "މެޓަލް-އޯގޭނިކް ފްރޭމްވަރކް" ( MOF ) އެވެ. މި މާއްދާގައި ކާބަން ހުންނަ މޮލިކިއުލްތައް ހުންނަނީ މެޓަލް އަޔަންސް (metal ions) ތަކަކުން ގުޅުވައިގެން އޮނިގަނޑެއް އުފައްދާފައެވެ. MOF އަކީ އޭގެ ޒާތުގައި އިސްޕަންޖުގަނޑެއްގައި ހުންނަފަދަ ލޯވަޅުތަކެއް ހުންނަ މާއްދާއެކެވެ. މިއީ ކޮންމެހެންވެސް ލާޒިމު ކަމެކެވެ. އެއީ އެ ލޯވަޅުތަކުގެ އެހީގައި އެހެނިހެން ކުދި މޮލިކިއުލް ތަކާ އެކުވެގެން އިތުރުއެހެން "ކޮންޕޮޒިޓް މެޓީރިއަލް" (composite material) އުފެއްދުމަށްޓަކައެވެ.

މި މާއްދާ ތައްޔާރު ކުރެވިފައިވަނީ މި ގޮތަށް އަމަލު ކުރާ ގޮތަށެވެ. އަވިޖެހުމުން "ފޯވާ" މާއްދާއެއް ކަމުގައިވާ "އެޒޯބެންޒީން" (azobenzene) ގެ މޮލިކިއުލްތައް އެއަށް އަޅާފައިވެއެވެ. ތަހުލީލުތަކުން ފެނުނު ގޮތުގައި، އަލްޓްރާ ވައިލެޓް (ޔޫވީ) އަލިން އުފައްދާ ހަކަތަ، މަދުވެގެން ހަތަރު މަސް ވަންދެން މި ކޮމްޕޮސިޓް މާއްދާގައި ރައްކާ ކުރެވެއެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެނީ މިހާތަނަށް އުފައްދާފައިވާ އެހެނިހެން މާއްދާތަކުގައި މިފަދައިން ހަކަތަ ރައްކާ ކުރެވެނީ މަދު ދުވަސް ކޮޅަކަށެވެ. ނުވަތަ ދެތިން ހަފުތާއަށެވެ.

އެ އެޒޯބެންޒީން އަމަލު ކުރަނީ ފޮޓޯސްވިޗެއްގެ ގޮތުގައެވެ. ފޮޓޯސްވިޗަކީ އަލީގެ ނުވަތަ ހޫނުގެ އަސަރަށް މަސައްކަތް ކުރާގޮތަށް، މޮލިކިއުލް ތަކަކުން އުފައްދާ މެޝިނެކެވެ. ޔޫވީ އަލީގެ ދަށުގައި، މޮލިކިއުލްތައް އޭގެ ސިފަ ނުވަތަ ބައްޓަން ބަދަލުކުރެއެވެ. މި ބަދަލު އަންނަނީ ކުރިން ބުނެވިދިޔަ MOF ގެ ލޯވަޅުތަކުގައި ހަރުލާ ހުރެއެވެ. އެހެންކަމުން އެގޮތުން އެ އަލީގެ ހަކަތަ ރައްކާ ކުރެވުނީއެވެ. (ރައްކާ ކުރެވުނީ ކަމަށް އެ ބެލެވެނީ، މޮލިކިއުލްތަކުގެ ބައްޓަން ބަދަލު ކުރުމަށް ބޭނުންވާ ހަކަތަ، ކުރިންހުރި ބައްޓަމަށް މޮލިކިއުލްތައް ރުޖޫއަވާއިރު ބޭރުވަންދެން އެ ހަކަތަ ހިފެހެއްޓޭތީއެވެ. އަދި އެ ގޮތަށް ކުރިން ހުރި ބައްޓަމަށް ރުޖޫއަވަނީ އެކަން އެ ގޮތަށް ވުމަށް އެދިގެން ކުރާކަމަކުން ކަމުގައި ވާތީއެވެ.)

މި MOF އަށް ކޮންމެވެސް ވަރެއްގެ ހޫނުކަމެއް އެއަށް ލިބުމުން ރައްކާ ކުރެވިފައިވާ ހަކަތަ ވަރަށް އަވަހަށް ބޭރުކޮށްލައެވެ. މި ގޮތަށް ބޭރުވާ ހަކަތަ ބޭނުންކޮށްގެން އެހެން މާއްދާއެއް ނުވަތަ އާލާތެއް ހޫނު ކުރެވިދާނެއެވެ. މި ވަގުތު މި މިއޮތީ ވިޔަފާރީގެ ގޮތުން ފައިދާވާ މަރުހަލާއެއްގައި ނޫނެއްކަމަކު، އިތުރަށް ތަހުލީލުކޮށް ތަރައްގީ ކޮށްގެން، ކާރުގެ ބިއްލޫގަނޑުގައި އުފެދިފައި ހުންނަ ގަނޑުފިނި ދުއްވާލުމަށް ބޭނުން ކުރެވިދާނެއެވެ. ނުވަތަ ފިނި ގައުމުތަކުގައި ގޭގެއަށާއި އޮފީސްތަކަށް އިތުރު ހޫނުކަމެއް ފޯރު ކޮށްދިނުމަށް ބޭނުން ކުރެވިދާނެއެވެ. ނުވަތަ ކަރަންޓު ނާޅާ ހުންނަ ދުރުހިސާބު ތަކުގައި ބޭނުންކުރާ ހޫނު އުފައްދާ އާލާތްތަކުގައި ބޭނުން ކުރެވިދާނެއެވެ.

މިފަދަ ފޮޓޯސްވިޗް އަކީ އައި.ޓީ. ދާއިރާގައި މައުލޫމާތު ރައްކާ ކުރުމުގައިވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އަދި ބަލިމީހުނަށް ބޭސް ދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ އެއްޗެކެވެ.

"މި މާއްދާގައި އެއްވެސް އިލެކްޓްރޯނިކްސް އާލާތެއް ނުވަތަ މެކޭނިކަލް ބައެއް އެކުލެވިގެން ނުވެއެވެ. އަދި ހަކަތަ ބޭނުންކުރުމަށް ބަލާއިރު ރައްކާ ކުރެވިފައިވާ ހަކަތައިގެ ހުރިހާ މިންވަރެއް، އެއްވެސް މިންވަރެއް ގެއްލިގެން ނުގޮސް، ބޭނުންކުރެވެއެވެ." ޔޫކޭގައި ހުންނަ ލަންކާސްޓަރ ޔުނިވަރސިޓީގެ މެޓީރިއަލްސް ކެމިސްޓް ޖޯން ގްރިފިން ވިދާޅުވިއެވެ. "އަޅުގަނޑުމެން އުންމީދު ކުރަނީ އަދިމިއަށްވުރެވެސް ގިނައިން ހަކަތަ ރައްކާކުރާނެ މާއްދާއެއް އުފެއްދުމަށެވެ."

ފޮޓޯސްވިޗް ބޭނުންކޮށް އިރުގެ ހަކަތަ ރައްކާކުރާ މާއްދާތައް މީގެ ކުރިންވެސް ވަނީ ތަހުލީލުކޮށްފައެވެ. ނަމަވެސް އެއީ ކޮންމެވެސް ކަހަލަ ދިޔާ އެއްޗެއްގެ ތެރޭގައި އެ މާއްދާ ބޭނުން ކޮށްގެންނެވެ. މިގޮތަށް MOF ކޮމްޕޮސިޓް، ހަރު، މާއްދާއަކަށް ބަދަލު ކޮށްލުމުން ކެމިކަލްކޮށް ރައްކާތެރިވެސްވެއެވެ. އަދި MOF ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭގޮތަށް ހެދުމަށް އިތުރު މަސައްކަތްކަތެއް ކުރުމަށް މިވަގުތު ބޭނުންވެއެވެ. އެތައް މަހެއް ވަންދެން ހަކަތަ ރައްކާކު ރެވޭކަމަށް މިހާތަނަށް ކުރެވިފައިވާ ތަހުލީލުތަކުން ދައްކާފައި ވީނަމަވެސް، މި މާއްދާގެ "އެނަރޖީ ޑެންސިޓީ" (energy density) ވަރަށް ދަށެވެ. މިއީ އިތުރަށް ދިރާސާކޮށް ކުރިއެރުވުމަށް ތަހުލީލުވެރިން އުންމީދު ކުރާ ކަމެކެވެ. ("އެނަރޖީ ޑެންސިޓީ" އަކީ ވަކި ކޮޑިމިނެއްގައި ނުވަތަ ވަކި ބަރުދަނެއްއެކުލެވޭ މާއްދާގައި ހަކަތަ ރައްކާކުރެވޭ މިންވަރެވެ.)

މި މާއްދާ އުފެއްދުމަށް ބޭނުން ކޮށްފައިވާ ސާމާނާއި ގޮތްތަކަކީ އެ އެއްޗެއްސަށް ކުދިކުދި ބަދަލު ގެނެސްގެން އިތުރު ކުރިއެރުންތަކެއް ލިއްބައިދޭނެ އެއްޗެތިކަމުގައި ވާތީ، ހަކަތަ ރައްކާކުރުމަށް އަގުހެޔޮ އަދި ޔަގީންކަން ބޮޑު ގޮތްތަކެއް ކުރިމަގުގައި ހޯދުމުގެ އުންމީދު އެބައޮތެވެ.

"އަޅުގަނޑުމެން ގެންގުޅެފައިވާ ގޮތްތަކާއި އާލާތްތަކަކީ އެއިން ކޮންމެ އެއްޗަކަށްވެސް ކުދިކުދި ބަދަލު ގެނެވިދާނެ އެއްޗެތިއެވެ. ފޮޓޯސްވިޗް އަދި ލޯވަޅުއަޅާފައިވާ މާއްދާއަށް ވެސް ބަދަލު ގެނެވިދާނެއެވެ. އަދި އެގޮތުން މިހާރަށް ވުރެ ރަނގަޅު ކުރެވިދާނެއެވެ." ލަންކާސްޓަރ ޔުނިވަރސިޓީގެ އެކްސްރޭ ޓެކްނިޝަން ނޭތަން ހެލްކޮވިޗް ވިދާޅުވިއެވެ.

މި ދިރާސާގެ ރިޕޯޓުވަނީ ދިރާސީ މަޖައްލާ، "ކެމިސްޓްރީ އޮފް މެޓީރިއަލްސް" ގައި ޝާއިޢުކޮށްފައެވެ.