މެންޗެސްޓަރ ސިޓީއަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ހުނަރުވެރި ވާތު ބެކް ޖައޯ ކެންސަލޯ، ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް މިއަދު ބަދަލުވެއްޖެއެވެ.

ފިނި މޫސުމުގެ ޓްރާންސްފާގެ އެންމެފަހު ދުވަހު ކެންސަލޯ، ބަޔާން މިޔުނިކަށް ބަދަލުވުމުން ސިޓީގެ ސަޕޯޓަރުން ތިބީ ޝޮކެއްގައެވެ. ފާއިތުވެދިޔަ ދެސީޒަނުގައި ސިޓީގެ ޑިފެންސްލައިނުގަޔާއި ހަމަލާތައް އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކުރި އަދި މިވަގުތު ދުނިޔޭގެ އެންމެ މޮޅެތި ވާތު ބެކުން ތެރޭގައި ހިމެނޭ ކެންސަލޯ ދޫކޮށްލީ ކީއްވެތޯ ސޯޝިއަލް މީޑިޔާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ސިޓީގެ ސަޕޯޓަރުން ގެންދަނީ ކޯޗް ޕެޕް ގާޑިއޯލާއަށް ސުވާލުތައް އަމާޒު ކުރަމުންނެވެ.

މީޑިޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުން ކެންސަލޯ އާއި ގާޑިއޯލާއާ ދެމެދު މައްސަލަ ޖެހުނީ އިނގިރޭސި އެފްއޭ ކަޕުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އާސެނަލްއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައިގައި ކެންސަލޯ ނުހިމެނުމުންނެވެ. މިމެޗުން 1-0 އިން ސިޓީން ކާމިޔާބު ކުރިއެވެ. ޖެހިގެން ޕްރެކްޓިހުގައި ކެންސަލޯގެ ފަރާތުން ހިތްހަމަ ނުޖެހުމުގެ ބަސްތައް ގާޑިއޯލާއަށް އަމާޒު ކުރި ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި ކުޅެން ފުރުސަތު ނުލިބޭނަމަ ޓީމު ދޫކޮށްލާނެ ކަމަށް ބުނެ ގާޑިއޯލާއަށް ކެންސަލޯ އިންޒާރުދިން ކަމަށްވެސް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ކެންސަލޯ،28، ބަޔާން މިޔުނިކާ ގުޅުނީ މިސީޒަނުގެ ނިޔަލަށެވެ. މިސީޒަނަށްފަހު ކެންސަލޯ ގަންނަން ބަޔާން މިޔުނިކުން ބޭނުންވާނަމަ ޓްރާންސްފާ ފީގެ ގޮތުގައި ސިޓީއަށް 61 މިލިޔަން ޕައުންޑް ދައްކަން ޖެހެއެވެ.