ސައޫދީ އަރަބިއްޔާއާއި އިންޑިއާ އާ ދެމެދު އަސްކަރީ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ބާއްވައިފިއެވެ. އިންޑިއާގެ ސިފައިންގެ ވެރިޔާ ޖެނެރަލް އެމްއެމް ނަރަވާން ގަލްފަށް ކުރެއްވި ދަތުރުފުޅުގައި ސައޫދީ އަރަބިއްޔާއަށާއި އިމާރާތަށްވެސް ވަޑައިގަތެވެ. މިއީ އިންޑިއާއަށް މުހިންމު ގަލްފްގެ ދެ ގައުމަށް އިންޑިއާ ސިފައިންގެ އިސްވެރިއަކު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ސައޫދީ އަށް ކުރެއްވި ދަތުރުފުޅުގައި ނަރަވާން ވަނީ ސައޫދީ އިސް ޖެނެރަލުންނާ މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހި ކުރުމަށާއި ދެ ގައުމުން ޝައުގުވެރިވާ ކަންތައްތަކުގައި މަޝްވަރާތައް ބާއްވަވާފައެވެ.

މި ދަތުރުފުޅުގައި އޭނާ މަޝްވަރާ ކުރެއްވި ފަރާތްތަކުގެ ތެރޭގައި ސައޫދީ ޗީފް އޮފް ޖެނެރަލް ސްޓާފް ޖެނެރަލް ފައްޔާޒް ބިން ހަމީދު އައްރުވައިލީއާއި ސައޫދީ ލޭންޑް ފޯރސްގެ ވެރިޔާ ޖެނެރަލް ފަހްދު ބިން އަބްދުﷲ މުހައްމަދު އަލްމުތީރް ހިމެނެއެވެ.

އިމާރާތުގައިވެސް އޭނާ ވަނީ ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

މި ދަތުރު ދިމާވެފައިވަނީ ގަލްފްގައި ޚާއްސަ ސިޔާސީ ހަރަކާތްތަކެއް ހިނގަމުންދާ ދުވަސްވަރެއްގައެވެ. ބަހްރައިންއާއި އިމާރާތުން ވަނީ އިޒްރޭލާއެކު ގުޅުން ގާއިމް ކޮށްފައެވެ. އަދި އީރާންގެ އިސް ނިއުކްލިއަރ ސައިންޓިސްޓް ވަނީ ޓެރަރިސްޓް ހަމަލާއެއްގައި މަރާލާފައެވެ.

އިންޑިއާ ސިފައިންގެ އިސްޖެނެރަލްގެ މި ދަތުރުފުޅުގެ ކުރިން އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވަނީ އިމާރާތާއި ބަހްރައިންއަށް ޒިޔާރަތް ކުރައްވާފައެވެ. އިންޑިއާ ޖެނެރަލްގެ މި ދަތުރުތައް ދިމާވެފައި ވަނީ އިންޑިއާއިން ޚާއްސަ އަސްކަރީ އަދި ޑިޕްލޮމެޓިކް ހަރަކާތްތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ސިފައިންގެ ވެރިޔާ ވަނީ ދާދި ފަހުން ނޭޕާލަށް މުހިންމު ޒިޔާރަތެއް ކުރައްވާފައެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ފޮރިން ސެކެޓްރީއާއެކު މިޔަންމާއަށް ރަސްމީ ޒިޔާރފަތެއް ކުރައްވާފައެވެ.