އީގަލްސް އަތުން ވެސް ނިއުރޭޑިއަންޓް ބަލިވެއްޖެ

0

މާލީމައްސަލަތަކާއި އެހެނިހެން ވެސް މައްސަލަތަކާހުރެ އަޑިއަޅާލާފައިވާ ނިއުރޭޑިއަންޓް ދިވެހިޕްރެމިއަރލީގްގަ އެންމެފަހުން ކުޅުން މެޗުން ރޭ އީގަލްސް އަތުން ވެސް ބަލިވެއްޖެއެވެ.

Advertisement

ވޭތުވެދިޔަ އަހަރުގެ ދިވެހިލީގު ޗެންޕިއަން ނިއުރޭޑިއަންޓް 2 – 0 އިން ރޭބަލިވިއިރު އޭގެކުރިން ކުޅުނުމެޗްގައި ގުރީންސްޓްރީޓްއަތުން ބަލިވީ 5 – 1 އިންނެވެ. އެއީ ފަހުގެ ތާރީހެއްގައި ނިއުރޭޑިއަންޓްކޮޅަށް ރާއްޖޭގެޓީމަކަށް ލަނޑުޖެހިފައިވާ އަދަދެއްނޫނެވެ.

މީގެކުރިން ނިއުރޭޑިއަންޓަށް ކާމިޔާބީތަކެއް ހޯދާދީފައިވާ މުޙައްމަދު ސިޔާޒް ( މޯހަން ) ގެ ކޯޗްކަމުގެދަށުން ކުޅެމުންދާ އީގަލްސްއާ ދެކޮޅަށް ނިއުރޭޑިއަންޓްގެ ފުރަތަމަ އެގާރައިން ހަމްޒާ މުޙައްމަދު ( ހަންޕު ) އާއި ކަންޑެލާ އަދި އަކްރަމް އަބްދުލްގަނީއަށް ފުރުސަތުދީފައި ނުވާއިރު ، ކުޅުންތެރިން ޕްރެކްޓިސްތަކަށް ހާޒިރުނުވާ ވާހަކަ އާއި މެޗްތަކަށް ދޭންވާ ސަމާލުކަން ނުދޭކަމަށް ނިއުރޭޑިއަންޓްގެ ކޯޗް ސަބާހް މުޙައްމަދު އަންނަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ.

ގޯލެއްޖަހަން ދެޓީމުންކުރެ ޓީމަކަށް ލިބުނު ފުރަތަމަ ފުރުސަތު ލިބުނީ ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު ( ސެންޓޭ ) އަށެވެ. އެހެނަސް ހަސަން އަދުހަމް ( ސަޑޭ ) ނަގައިގެން އެބޯޅަ އަލީ ފާސިރު ( ސެންޓޭ ) އަށް ޖެހޭގޮތެއް ނުވިއެވެ.

ނިއުރޭޑިއަންޓަށްވުރެ ރަނގަޅަށް ކުޅެމުންދިޔަ އީގަލްސްއިން ފުރަތަމަ ހަމަލާ 12 ވަނަމިނިޓްގައި އުފެއްދިއިރު ، ކީޕަރަށް ނުލިބި ގޯލަށް ވަންނަންދިޔަ އެބޯޅަ ލައިންމަތިން ކަހަލަގޮތަކަށް ސަލާމަތްކުރީ މުޙައްމަދު ރަސީދު ( ހޮކޭ ) އެވެ. އޭގެ ދެމިނިޓެއްހާއިރު ފާހުން ނިއުރޭޑިއަންޓަށް ލިބުނު ގޯލްކިކް ޓީމުގެ ކުޅުންތެރިއަކަށް ދޭން ކީޕަރ ހަސަން އަބްދުލްހަކީމް މަސައްކަތްކުރި ނަމަވެސް ލިބުނީ އީގަލްސްގެ ކުޅުންތެރިއަކަށެވެ. ބޮޑުއޭރިޔާ ކުރިމަތީ ލައިންކައިރިން ލިބުނު ބޯޅަ ހިފައިގެން އީގަލްސްގެ ކުޅުންތެރިޔާ އޭރިޔާތެރެއަށްވަތް ނަމަވެސް ގޯލަށް ނުރައްކާކުރުމުގެކުރިން ނިއުރޭޑިއަންޓްގެ ޑިފެންޑަރުންވަނީ އެބޯޅަ ސަލާމަތްކޮށްފައެވެ.

21 ވަނަ މިނިޓްގަ ނިއުރޭޑިއަންޓްގެ އަލީ ފާސިރު ( ސެންޓޭ ) އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ގޯލާއިދިމާއަށް ފޮނުވާލި ބޯޅަ ދިޔައީ މާމަތިން ބޭރަށެވެ. ދިހަވަރަކަށް މިނިޓްފަހުން އަލީ ފާސިރު ( ސެންޓޭ ) ނަގައިދިން ރީތި ހުރަސް ކީޕަރަށް ނުލިބި ގޯލްކުރިމަތިން ހުރަސްވެގެން ދިޔަ ނަމަވެސް ބޯޅަ ލިބޭ ހިސާބުގައި ނިއުރޭޑިއަންޓްގެ ކުޅުންތެރިއެއް ނެތެވެ.

ކީޕަރުގެ ބޯމަތިން ގޯލްގެ ދުރުކަނަށް ވައްދާލަން އީގަލްސްގެ އަހްމަދު ރިޒުވާން ( ރިޒޭ ) މަސައްކަތްކުރި ބޯޅަ ކީޕަރ ހަސަން އަބްދުލްހަކީމް ސަލާމަތްކުރި ނަމަވެސް ، އޭގެ ދެމިނިޓެއްހާއިރު ފަހުން މެޗްގެ 36 ވަނަ މިނިޓްގަ އަހްމަދު ރިޒުވާން ( ރިޒޭ ) ފޮނުވާލިބޯޅަ ސަލާމަތްކުރެވޭގޮތެއް ނުވިއެވެ. ފަސޭހަކަމާއެކު ނިއުރޭޑިއަންޓްގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހަސަން ރާއިފް ( ހަންނަ ) އޭރިޔާތެރެއަށްވަދެ ގޯލްކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަހްމަދު ރިޒުވާން ( ރިޒޭ ) އަށް ލިބުނީ ނިއުރޭޑިއަންޓްގެ ކުޅުންތެރިއެއްގެ ފައިގަ ޖެހިފައެވެ.

ދެވަނަހާފް 1 – 0 އިން ފަހަތުގައި އޮވެގެން ކުޅެންފެށި ނިއުރޭޑިއަންޓަށް ދެވަނަފެށިތަނާހެން ނަތީޖާ ހަމަހަމަކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އުމޭރު ފޮނުވާލި ބޯޅަ ދިޔައީ ގޯލްދަނޑިމަތިން ބޭރަށެވެ.

ރަނގަޅު ފުރުސަތުތަކެއް ލިބި ނަތީޖާ ހަމަހަމަ ނުކުރެވިގެން ނިއުރޭޑިއަންޓުން އުޅެނިކޮށް އީގަލްސްއިން އެޓީމުގެ ދެވަނަ ލަނޑު ޖެހިއެވެ. 57 ވަނަ މިނިޓްގަ އަހްމަދު މުބީން އަހްމަދު ރަސީދު ނިއުރޭޑިއަންޓްގެ ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ލިބުނީ މުޅިން ހުހަށްހުރި ނާއިމް އަށެވެ. ނާއިމް ފޮނުވާލި ބޯޅަ ގޯލްތެރެއަށްވަނީ އިމްރާން ނަސީދުގެ ފައިގަ ޖެހިފައެވެ.

އަލީ ފާސިރު ( ސެންޓޭ ) ފޮނުވާލި ހިލޭޖެހުން ގޯލަށް ވަނުމުގެކުރިން ކީޕަރ ސުޖަން ޕެރޭރާ ދިފާއުކޮށްފައިވާއިރު ، އިބްރާހިމް އަތީގް ފޮނުވާލި ބޯޅައެއް ވެސް ގޯލްލައިން މަތިން ސުޖަންވަނީ ސަލާމަތްކޮށްފައެވެ.

ގާތްގާތުގަ އީގަލްސްއިން އުފެއްދި ނުރައްކާތެރި ދެހަމަލާއެއް ކީޕަރ ހަސަން އަބްދުލްހަކީމް ދިފާއުކޮށްފައިވާއިރު، ހަމްޒާ މުޙައްމަދު ( ހަންޕު ) އާއި ކަންޑެލާ ކުޅެން ނުކުތް ހިސާބުން ނިއުރޭޑިއަންޓްގެ ހަމަލާތައް ވަރުގަދަވެ ނުރައްކާވި ނަމަވެސް ލަނޑެއްޖެހޭގޮތެއް ނުވިއެވެ.

މިމޮޅާއިއެކު އީގަލްސްއަށްވަނީ ލީގުގެ ގަދަތިނެއް ޔަގީންވެފައެވެ.

މިއަދު ހަވީރު ކުޅޭ މެޗްގައި ގުރީންސްޓްރީޓް އާއި ފޯކައިދޫ ބައްދަލުކުރާއިރު ، މިރޭގެ މެޗްގައި ބައްދަލުކުރާނީ ވިކްޓްރީ އާއި ނިލަންދޫ އެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here