އަމިއްލަ ދަނޑުގައި ސެވިއްޔާ 0-3 އިން ބަލިކޮށް ސްޕެނިޝް ލަލީގާގެ ތާވަލުގެ ކުރީގައި ބާސެލޯނާއިން 8 ޕޮއިންޓުގެ ލީޑެއް ރޭ ނަގައިފިއެވެ.

ފުރަތަމަ ހާފް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނުއިރު، ބާސެލޯނާއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ކެޕްޓަން ޖޯޑީ އަލްބާ އާއި މިދިޔަ ސީޒަނުގައި ޔޫރަޕުގެ ގޯލްޑަން ބޯއީގެ އެވޯޑް ހޯދި ގަވީ އަދި ރަފީނާގެ ލަނޑުތަކުންނެވެ. މިތިން ލަނޑުގައިވެސް ރަފީނާގެ ހިއްސާ ބޮޑެވެ. ފުރަތަމަ ލަނޑު، 58 ވަނަ މިނެޓުގައި އަލްބާ ކާމިޔާބު ކޮށްދިނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭސީ މިލާން ދޫކޮށް ބާސާ ގުޅުނު އައިވަރީކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ބާސާގެ ދެވަނަ ލަނޑު، 70 ވަނަ މިނެޓުގައި ގަވީ ކާމިޔާބު ކުރީ ރަފީނާގެ ޕާހަކުންނެވެ. އޭގެ 8 މިނެޓް ފަހުން ބާސާގެ ތިންވަނަ ލަނޑު ރަފީނާ ޖެހީ އަލްބާ އޭރިޔާގެ ތެރެއަށް ހުރަސް ކުރި ބޯޅައަކުންނެވެ.

ބާސެލޯނާ އާއި ސެވިއްޔާ ބައްދަލު ކުރި މެޗުގެ އުސްއަލިތައް (ލިންކް):

https://www.youtube.com/watch?v=Ub6NczX6RLU

ބާސާގެ ކޯޗް ޒަވީ ހެނާންޑޭޒް ވަނީ މެޗަށްފަހު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. "ފުރަތަމަ ހާފް ނިމުމުން ކުޅުންތެރިންނާ ވާހަކަ ދައްކަމުން އަހަރެން ބުނިން އިދިކޮޅުން އެގާރަ ކުޅުންތެރިންނާއެކު ޑިފެންސް ކުރާއިރު ލަނޑު ޖަހަން ފަސޭހަ ނުވާނެ ކަމަށް. ކުޅުންތެރިން އެކަން ދަނެގެން ދެވަނަ ހާފުގައި ކުޅެ ބޭނުންވި ނަތީޖާ ހޯދީ" ކުރިން ބާސާގެ ކެޕްޓަނެއްގެ ގޮތުގައި ގިނަ ތަށިތަކެއް އުފުލާލި ޒަވީ ބުންޏެވެ.

"ތާވަލުގެ ކުރީގައި 8 ޕޮއިންޓުގެ ލީޑެއް ލިބުމަކީ ހިތްހަމަ ޖެހުމެއް. އެކަމަކު މިއީ ހިތްހަމަ ޖައްސާލައިގެން ތިބެވޭނެ ވަގުތެއް ނޫން. ލީގުގެ ގިނަ މެޗުތަކެއް ކުރިއަށް ހުރިކަން ހަނދާނުގައި ބަހައްޓަން ޖެހޭ" ޒަވީ ބުންޏެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ބާސާ އޮތީ 53 ޕޮއިންޓާއެކުއެވެ. ވާދަވެރި އަދި އެންމެފަހުގެ ޗެމްޕިއަން ދެވަނައިގައި އޮތީ 45 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 39 ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑް އޮތްއިރު ހަތަރުވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 35 ޕޮއިންޓާއެކުއެވެ.