ރަށުން ބޭރުގައި ޓޮޓެންހަމް ހޮސްޕާ އަތުން 1-0 އިން ބަލިވެ މުހިއްމު ތިން ޕޮއިންޓް ގެއްލުމުން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަރަށް ތަފާތު އުޒުރެއް ދައްކައިފިއެވެ.

ގާޑިއޯލާ ބުނީ މެންޗެސްޓަރއިން ބަހުގައި ލަންޑަނަށް ދިޔުމަކީ ނޮދަން ޔޫރަޕުގެ ގައުމަކަށް ދިޔުންފަދަ ކަމެއް ކަމަށެވެ. "ލަންޑަނަށް އައުމަކީ ކޮންކަހަލަ ކަމެކޭ ބުނާނީ؟ ނޮދަން ޔޫރަޕުގެ ގައުމަކަށް ދިޔުންފަދަ ކަމެއް މިއީ. ބަހުގައި ހޮޓަލާ ހިސާބަށް ދިޔުމަށް 4 ގަޑި އިރާއި 20 މިނެޓް ހޭދަވި. ލަންޑަނަށް އައުމަކީ މިހާ މުޅިން ވަރުބަލިކޮށްލާ ކަމެއް. އަހަންނަށް މާފުކުރޭ. އަހަރެން މިވަގުތު ބޭނުންވަނީ އަވަހަށް އެނބުރި މެންޗެސްޓަރއަށް ގޮސް ކުރިއަށް އޮތް އެސްޓަންވިލާ މެޗަށް ތައްޔާރުވާން" މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.

ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗުތަކުގައި ޓޮޓެންހަމްގެ ކެޕްޓަން ހެރީކޭން މޮޅަށް ކުޅޭތީ، އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ގާޑިއޯލާ އެސުވާލަށް ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ބުނީ އޭނާގެ ޓީމަކީ އަބަދުވެސް އެހެން މީހުން ބަލާހިތްވާ ގޭމެއް ކުޅޭ ޓީމެއް ކަމަށާއި އޭނާގެ ކުޅުންތެރިންނަށް އެހެން ކްލަބުތަކުން އަބަދުވެސް ބަލާ ކަމަށެވެ. މީގެ އިތުރުން ގާޑިއޯލާ ބުނީ އޭނާއަކީ ބަލިވުމުން އެއްވެސް އިރަކު މާގިނަ އުޒުރުތަކެއް ދައްކާ މީހެއް ނޫން ކަމަށެވެ.

"ބަލިވުމުން އުޒުރުތަކެއް ދައްކާކަށް ނެތިން. 5 އަހަރު ތެރޭގައި ޕްރިމިއަރ ލީގުގެ 4 ތަށި ކާމިޔާބު ކުރެވުމުން ކުޅުންތެރިންނާމެދު އަދި އަހަރެމެންނަށް މިކުރެވޭ މަސައްކަތާމެދު މާބޮޑު ޝަކުވާތަކެއް ކުރެވޭކަށް ނެތް" ގާޑިއޯލާ ބުންޏެވެ.

ސިޓީ ކޮޅަށް ރޭ ހަމައެކަނި ލަނޑު ޖެހީ ކޭންއެވެ. މިލަނޑާއެކު އޭނާ ވެފައި ވަނީ ޓޮޓެންހަމްގެ ތާރިހުގައި އެކްލަބަށް އެންމެ ގިނަ ލަނޑު (267 ލަނޑު) ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ ކަމުގައެވެ. އަނެއްކޮޅުން މިމެޗް ޓޮޓެންހަމްއިން ކުޅުނީ ހެޑް ކޯޗް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ނެތިއެވެ. ގޯލް ބްލެޑާ އޮޕަރޭޝަން ކޮށްގެން ކޮންޓޭ އޮތީ ހޮސްޕިޓަލުގައެވެ. ލީގުގައި ސިޓީގެ ދަނޑުގައިވެސް ޓޮޓެންހަމްއިން މިސީޒަނުގައި ސިޓީ ބަލިކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކޭން، ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު. ފޮޓޯ- ރޮއިޓާސް

ޓޮޓެންހަމް އަތުން ސިޓީ ބަލިވުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނީ ކުޅިބަލަން އޮތް އާސެނަލްއަށެވެ. އާސެނަލް ތާވަލުގެ އެއްވަނައިގައި 50 ޕޮއިންޓާއެކު އޮތްއިރު ސިޓީ ދެވަނައިގައި އޮތީ 45 ޕޮއިންޓާއެކުއެވެ. ސިޓީ ރޭ މޮޅުވިނަމަ އާސެނަލްއާ ދެޕޮއިންޓަށް ކައިރިއަށް ޖެހިލެވޭނެއެވެ. ނިއުކާސަލް ތާވަލުގެ 5 ވަނައިގައި އޮތީ 39 ޕޮއިންޓާއެކުއެވެ.