ޕާކިސްތާންގެ ކުރީގެ ރައީސް ޖެނަރަލް ޕަރްވޭޒް މުޝައްރަފްގެ ހަށިކޮޅު ރޭ ޕާކިސްތާނަށް ގެނަސްފިއެވެ. ޚާއްސަ މަތިންދާބޯޓެއްގައި އާއިލާއާއެކު ހަށިކޮޅު ގެނެވިފައި ވަނީ ޕާކިސްތާނުން ފޮރިން މިނިސްޓްރީން ހަމަޖައްސައިދީގެންނެވެ. ނަމަވެސް ޕާކިސްތާން ސަރުކާރުން މުޝައްރަފްގެ ޖަނާޒާއާ ބެހޭ ގޮތުން އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ. އަދި ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ ސަރުކާރު ފަޅީގެ މެމްބަރުން ވަނީ މުޝައްފަށް ހެޔޮ ދުއާ ކުރުމަށްވެސް ދެކޮޅު ހަދައިފައެވެ. މުޝައްރަފަށް ދުޢާ ކުރުމަށް އެއްބަސްވީ ހަމައެކަނި ޕާކިސްތާން ތަޙްރީކޭ އިންސާފް ޕާޓީގެ މެމްބަރުންނެވެ.

މުޝައްރަފްގެ ސަންދޯއް ކަރާޗީގެ މިލިޓަރީ ހޮސްޕިޓަލަށް ގެންދެވިފައި ވަނީ މިލިޓަރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

މި އަދު 1.40 ގައި ކަރާޗީގެ ޕޯލޯ ގްރައުންޑްގައި މުޝައްރަފްގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނެއެވެ. އަދި އޭނާ ފަސްދާނު ލުމަށް ހަމަޖެހިފައި ވަނީ ކަރާޗީގެ ސިފައިންގެ މަގްބަރާގައި ފުރިހަމަ އަސްކަރީ އިއްޒަތުގައެވެ. ޖަނާޒާގެ ހުރިހައި ކަމެއް ހަމަޖައްސާނީ ސިފައިންނެވެ.