ސަރުކާރުން މާލެ ސަރަހައްދުގައި ދަތުރު ދާން ހާއްސަކޮށް ތަރައްގީކުރި ޕިކްނިކް އައިލެންޑް ކުޑަގިރި ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކުޑަގިރި ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ކުޑަގިރީގައި ބޭއްވު މިރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުނއ ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އިސްވެރިންނާއި އާއްމުންވެސް ވަނީ ބައިވެރިވެފައެވެ.

ރަސްމިއްޔާތަށްފަހު ރައީސް ދެކަނބަލުންނާއި ނައިބު ރައީސްގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ޢާއްމުންވަނީ ކުޑަގިރީގެ އެކި ސަރަހައްދުތައް ބައްލަވައިލައްވާ، ރަށުތެރޭގައި ގާއިމުކޮށްފައިވާ އެކި ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ރައީސް އިބްރާހީމްސޯލިހު ކުޑަގިރިތެރެ ބައްލަވައިލެއްވުމުގެ ތެރެއިން

ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓް ބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓާ އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއްވެސް ހިމެނެއެވެ. މީގެ އިތުރުން ވޯޓާ ސްލައިޑްސްތަކާއި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

ކުޑަގިރީގައި ފާހަނާ ބަރި، ޗޭންޖިން ރޫމް އަދި ނާސިން ރޫމް ގާއިމުކޮށްފައި ވެއެވެ. ނާސިން ރޫމް ގާއިމުކޮށްފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުން ދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ. އަދި ހަމަައެހެންމެ ކްލިނިކަކާއި ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއަކާއި މިސްކިތެއް ވެސް މި ރަށުގައި ހުންނާނެއެވެ.

ރައީސްގެ ދެކަނބަލުން ކުޑަގިރި ހުޅުވުމުގެ ތެރެއިން

ކުޑަގިރީގައި ކައިވެނީގެ ހަފުލާތަކާއި އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓުތައް ބޭއްވުމުގެ ފުރުސަތުތައްވެސް ހުޅުވާލެވޭނެއެވެ. އަދި އެރަށަށް ފަަތުރުވެރިންނަށްވެސް ޒިޔާރަތް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

މި ޕިކްނިކް އައިލެންޑުގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް، އާންމުން ބޭނުންކުރުމަށް 13 ކުޑައަށި އަދި ހަތަރު ބޮޑުއަށި ވަނީ ގާއިމުކޮށްފައެވެ. އަދިވެސް އެޑްމިން ބިލްޑިން އަކާއި ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވެއެވެ.

މިއަދު ފުރުސަތު ލިބޭނީ އެންމެ ކުރިން ބުކިން ހައްދާ 300 މީހުންނަށެވެ. ނަމަވެސް މިއަދަށް ފަހު ދެން އަންނަ ދުވަސްތަކުގެ ތެރެއިން ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ދުވާލަކަށް 500-600 އާ ދެމެދުގެ އަދަދަކަށް ޖާގަ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަފުތާ ބަންދު ދުވަސްތަކުގައި 1،500 އެއް މީހުންނަށް ޖާގަ ދޭން ހަމަޖެހިފައިވާއިރު އެއްފަހަރާ 1200 އެއްހާ މީހުންނަށް ހިދުމަތް ދެވޭނެއެވެ. ކުޑަގިރިއަށް ދާ ފެރީ ފުރާނީ ހުޅުމާލެ އާއި މާލޭގެ ފެރީ ޓާމިނަލުންނެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ދިވެހިންނަށް ހިލޭ ދެވޭނެ އެވެ. އެހެން ދުވަސްތަކުގައި ދަތުރުދާ ނަމަ ފެރީ ދެކޮޅު ޓިކެޓަށް 50ރ އަދި ރަށަށް އަރަން، އެންޓްރެންސް ފީގެ ގޮތުގައި ބޮލަކަށް 50ރ ދައްކަންޖެހޭނެއެވެ.

މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް އޮންނާނީ ހެނދުނު 06:30، 06:50 އަދި 07:10 ގައެވެ. ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް އޮންނާނީ ހަވީރު 5:20 ، 5:40 އަދި 6:00 ގައެވެ.