ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ވިޔަރެއާލް 1-0 އިން ބަލިކޮށް ތާވަލުގެ ކުރީގައި ވާދަވެރި ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު އެގާރަ ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ވިޔަރެއާލްގެ އެލް މެޑްރިގަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިނުގެ ޒުވާން ހުނަރުވެރި މިޑްފީލްޑަރު ޕެޑްރީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އޭނާއެވެ. ޕެޑްރީގެ އިތުރުން މިމެޗުގައި ބާސާއިން އެންމެ ރަނގަޅަށް ކުޅުނީ ޑިފެންޑަރު ރޮނާލްޑް އަރައުހޯ އާއި މިޑްފީލްޑަރު ފްރޭންކީ ޑިޔޯންއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުން ބާސެލޯނާ މޮޅުވުމާއެކު އެޓީމު ޖެހިޖެހިގެން 11 މެޗުން މޮޅުވެ ކްލަބުގެ ތާރިހުގައި އައު ރެކޯޑެއް ހެދުމަށް ކޯޗް ޒަވީ ހެނާންޑޭޒްއަށް މަގުފަހިވީއެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުންވެސް ބާސާއިން ވަނީ ޖެހިޖެހިގެން 11 މެޗުން މޮޅުވެފައެވެ. ޔުއެފާ ޔުރޮޕާ ލީގުގައި ކުރިއަށް އޮތް ބުދަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑް އަތުން މޮޅުވެގެން ގާޑިއޯލާގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ޒަވީއަށް އެބައޮތެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ އެޓޭކިންގ ތާޑުގައި ތިބި ކުޅުންތެރިން އަތުން ގިނަ ފުރުސަތުތަކެއް ބޭކާރުވި ކަމަށާއި ގިނަ ޕާސްތަކެއްވެސް ބޭކާރުވި ކަމަށެވެ. "ހަމަލާތައް އުފެއްދުމުގައި އަދިވެސް އަހަރެމެން ތޫނުފިލިވާން ޖެހޭ. ޑިސިޝަން މޭކިންގ ރަނގަޅު ކުރަންޖެހޭ. މުހިއްމު ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭ" ޒަވީ ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނީ ލީގުގައި ބާކީ 17 މެޗް އެބައޮތް ކަމަށާއި 11 ޕޮއިންޓުގެ ލީޑަކީ އެއަށް ބަލައިގެން ތިބެވޭނެ އެއްޗެއް ނޫން ކަމަށެވެ. "އަހަރެމެން އަތުގައި އޮތީ ރެއާލްއަށް ކައިރި ނުކުރެވޭނެ ވަރުގެ ދުރުމިނެއް ނޫން. ލީގުގައި ކުޅެންޖެހޭ 17 މެޗް ބާކީ އެބައޮތް. މުހިއްމު ގިނަ މެޗުތަކެއް ކާމިޔާބު ކުރެވުމުންދާތީ އަހަރެން މިހުރީ އުފަލުން" ޒަވީ ބުންޏެވެ.

ތާވަލުގެ ކުރީގައި ބާސެލޯނާ އޮތީ 56 ޕޮއިންޓާއެކުއެވެ. އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ދެވަނައިގައި އޮތީ 45 ޕޮއިންޓާއެކުއެވެ.