ސާފް ޗެންޕިއަންޝިޕްގެ އެންމެމޮޅު ކުޅުންތެރިޔާ މަހިބަދޫ މުބާރާތަށް

0

2018 ވަނަ އަހަރުގެ ސާފްޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ރާއްޖޭގެ ފުޓްބޯޅަޓީމު ހޯދުމުން ދިވެހިރައްޔިތުން ނަށް ލިބިގެންދިޔަ އުފަލާއިއެކު ދިވެހިރާއްޖޭގެ ގަޢުމީޓީމުގެ ގޯލްކީޕަރު މުޙައްމަދު ފައިސަލަށް މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމްލިބުމަކީ ވެސް ދިވެހިންނަށް ލިބިގެންދިޔަ ބޮޑު އުފަލަކަށް ވިއެވެ.

ދިވެހިފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ބެލެވެމުންދާ ނިއުރޭޑިއަންޓްގައި މޮޅުކުޅުމެއް ދައްކަމުންއަންނަ ކީޕަރ ފައިސަލް ސާފްޗެންޕިއަންޝިޕްގަ ދެއްކި މޮޅުކުޅުމަކީ އެތައްބަޔަކު އޭނާއަށް ތަޢުރީފްކުރި ކުޅުމެކެވެ. ހާއްސަކޮށް ފައިނަލް މެޗްގައި އޭނާ ކޮށްފައިވާ ސޭވްތަކުގެ ސަބަބުން ޓީމްގެ ރޫހް ވަރުގަދަވެ ކުޅުންތެރިންނަށް އިތުބާރުބޮޑުވެގެންދިޔަތަން ފެނުނެވެ.

Advertisement

ފުޓްބޯޅައިން ދިވެހި ގައުމީޓީމަށް ލިބުނު ކޮންމެ ރަންމެޑަލްއެއްގެ ހިއްސާކުރާ މަހިބަދޫ އަކީ ފުޓްބޯޅައިގެ ދާއިރާއިން ބަލާއިރު މުޅިރާއްޖެއިން ފާހަގަކޮށްލެވޭ ރަށެކެވެ. ތިންވަނަ ޑިވިޝަންގެ ޓީމުތަކާއި ދެވަނަ ޑިވިޝަންގެ ޓީމުތަކުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ޓީމުތަކާއި ގައުމީޓީމުތަކުގައި މަހިބަދޫގެ ކުޅުންތެރިންގެ ހިއްސާބޮޑެވެ. މަހިބަދޫ ސްޕޯރޓްސް ކުލަބުގެ ފަރާތުން ވަނީ ރާއްޖޭގެ ތިންޑިވިޝަންގައި ވާދަކޮށް ބޮޑެތި ކުލަބްތަކާއި ގައުމީޓީމުތަކަށް ބޭނުންވާ އެތައް ކުޅުންތެރިން ގަލޮޅު ދަނޑަށް ނެރެދީފައެވެ. މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ގައުމީފުޓްބޯޅަ ޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ޒުވާން އިތުބާރު ޑިފެންޑަރ ސަމޫހް އަލީ ( ސަމުއްޓޭ ) އަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ.

ރާއްޖޭގައި ތައްޔާރުކުރި ފުލްސައިޒްގެ ފުރަތަމަ ފުޓްބޯޅަދަނޑު މަހިބަދޫގައި ހުޅުވުމާއިއެކު މަހިބަދޫގެ ފުޓްބޯޅައަށް ވަނީ އިތުރު ދިރުމަކާއި ކުރިއެރުމެއް އައިސްފައެވެ.

މަހިބަދޫ ޒުވާނުންގެ 16 ވަނަ ފުޓްބޯޅަ މުބާރާތް ޑިސެމްބަރ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ސާޕް ޗެންޕިއަންޝިޕްގެ އެންމެ މޮޅުކުޅުންތެރިޔާ ކީޕަރ ފައިސަލްގެ އިތުރުން ގައުމީޓީމުގެ އިތުބާރު ޑިފެންޑަރ ސަމޫހު އަލީ ( ސަމުއްޓޭ ) އާއި އަސަދުﷲ އަބްދުﷲ ( އަސަކޯ ) ގެ އިތުރުން ނާއިޒް ހަސަން ( ދާދު )  އާއި އަލީ ފާސިރު ( ސެންޓޭ ) އަދި އިބްރާހިމް ވަހީދު ހަސަން އާއި އަހްމަދު ރިޒުވާން ( ރިޒޭ ) ކުޅޭނެއެވެ. މާޒިޔާއަށް ކުޅެމުންދާ އިސްމާއީލް އީސާ ( މެސީ ) އާއި ޔަސްފާދު ހަބީބް ( މުލަކޭ ) އަދި ނިއުރޭޑިއަންޓަށް ކުޅެމުންދާ ހިސާމް ސަލީމް ( ކޮކީ ) އާއި އީގަލްސްގެ ހަސަން ރާއިފް ( ހަންނަ ) އަދި އީގަލްސްގެ މުޙައްމަދު ނާއިމް އާއި މިދިޔައަހަރުގެ އެންމެމޮޅު ކީޕަރ ހުސެއިން ސިފާދު ގެ އިތުރުން ވެސް ފުރަތަމަ ޑިވިސަންގެ ބައެއްޓީމްތަކަށް ކުޅެފައިވާ ކުޅުންތެރިންނާއި މިހާރު ވެސް ކުޅެމުންދާ ކުޅުންތެރިން ކުޅޭނެއެވެ.

ގައުމީޓީމުގައި ހިމެނޭ މަހިބަދޫގެ ދެކުޅުންތެރިކަމުގައި ސަމޫހް އަލީ އާއި އަސަދުﷲ އަބްދުﷲ ގެ އިތުރުން މާޒިޔާއަށް ކުޅެމުންދާ ގާސިމް ސަމާމާއި ޓީސީއަށް ކުޅެމުންދާ މުހައްމަދު ސާމިރު އަދި ގްރީންސްޓްރީޓަށް ކުޅެމުންދާ ކީޕަރ މުޙައްމަދު ޖަޒުލާނާއި އަލީ ނަސޫހް ވެސް މިމުބާރާތުގައި ކުޅޭނެއެވެ.

ވޭތުވެދިޔަ ދެއަހަރު ވެސް މިމުބާރާތް ކާމިޔާބުކޮށްފައިވަނީ މިމުބާރާތް އެންމެގިނަ އަހަރު ކާމިޔާބު ކޮށްފައިވާ ޖިބިއްލީ ސްޕޯރޓްސް އެވެ.

Advertisements