މާލޭ އޭރިޔާގެ މަގުތައް ތަރުތީބުކުރުމާއި ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ކަނޑައެޅޭ ހާއްސަ ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިންގ ހަމަޖެއްސުމާއި މަގުތައް ތަރުތީބުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ފުލުހުން ވިދާވެއްޖެއެވެ.

އޮގޮތުން މި މަސައްކަތުގެ ތެރެއިން، އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނެކަމަށާއި އެ ސަރަހައްދުތަކުގެ މަގުތައް ތަރުތީބުކުރުމަށް މަސައްކަތްތައް ފެށުމުގެ ކުރިން، އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ކަމާގުޅޭ މައުލޫމާތާއި މަގުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައިދެވޭނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެ ސަރަހައްދުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުން ގެންދާނެއެވެ. އަދި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެނޫންވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން، ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މަސައްކަތަކީ މާލޭ އޭރިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދީ، ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އިސްކަމެއްދީގެން ދިވެހި ފުލުހުންގެ ޚިދުމަތުން މި އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްގެންދާ ކަމެކެވެ. .