ފީފާ ކްލަބް ވަރލްޑް ކަޕް އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ފީފާގެ ކައުންސިލް ބައްދަލުވުމުން މިއަދު ނިންމައިފިއެވެ.
އަންނަ އަހަރުގެ ކްލަބް ވަރލްޑް ކަޕް ސައުދީގައި ބޭއްވުމަށް ފީފާގެ ކައުންސިލުން ނިންމުމާ ގުޅިގެން ސައުދީގެ ސްޕޯޓްސް މިނިސްޓަރ މީޑިޔާތަކަށް ވިދާޅުވީ ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ވަރަށް ބޮޑު ފަހްރެއް ކަމަށެވެ. "މިއީ ވަރަށް ބޮޑު ފަހްރެއް. އަދި ދުނިޔޭގެ އެންމެ ބޮޑެތި ފުޓްބޯޅަ ކްލަބުތަކަށާއި އެކްލަބުގެ ސަޕޯޓަރުންނަށް މަރުހަބާ ކިޔަން ލިބުނީތީ އަހަރަމެން މިތިބީ އުފަލުން" ސައުދީގެ ސްޕޯޓްސް މިނިސްޓަރ، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލް ވިދާޅުވިއެވެ.
ކްލަބް ވަރލްޑް ކަޕް އަންނަ އަހަރު ސައުދީގައި ބޭއްވުމަށް ފީފާފައިން ނިންމާފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު ދުވަހުގެ ރޭ މޮރޮކޯގައި ނިމިގެންދިޔަ ކްލަބް ވަރލްޑް ކަޕުގެ ފައިނަލުގައި އެއްކޮޅުން ކުޅެފައިި ވަނީ ސައުދީގެ އަލް ހިލާލްއެވެ. އަލް ހިލާލް ވެފައި ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ކްލަބުތަކުގެ ތެރެއިންނާއި ސައުދީގެ ކްލަބުތަކުގެ ތެރެއިން ކްލަބް ވަރލްޑް ކަޕުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ކްލަބަށެވެ. އެކަމަކު ފައިނަލުގައި ޔޫރަޕުގެ ޗެމްޕިއަން، ސްޕެއިނުގެ ރެއާލް މެޑްރިޑް އަތުން 5-3 އިން ހިލާލް ބަލިވީއެވެ.
އަންނަ އަހަރު ސައުދީގައި ކްލަބް ވަރލްޑް ކަޕް ކުރިއަށް ގެންދިޔުމަށް ހަމެހިފައި ވަނީ ޑިސެމްބަރު 12 އިން 22 އަށެވެ. މިދުވަސްވަރު ވެގެންދާނީ ސައުދީއަށް ފިނި ދުވަސް ވަރަށެވެ.
ކުޅިވަރުގެ ވަރުގަދަ ހަބަކަށް ސައުދީ އަރަބިއްޔާ ހެދުމަށް ޕްރިންސް މުހައްމަދު ބިން ސަލްމާން ގެންދަވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.