ޗައިނާއިން ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ މެދުވެރިކޮށް، ބޭރުގެ އެމްބަސީތަކަށް ވަޒީފާތަކަށް މީހުންގެ މީހުން ވައްދައި މުހިންމު މަގާމުތަކުގައި މީހުން އިންދާފައެވެ. އިނގިރޭސިވިލާތާއި އެމެރިކާއާއި އޮސްޓްރޭލިއާއާއި ޔޫރަޕްގެ ގައުމުތަކާއި އިންޑިއާ އަދި ކެނެޑާގެ އެމްބަސީ މީގެ ތެރޭގައި ހިމެނޭކަމަށް ފާއްދާލާފައިވާ މަޢްލޫމާތުން ދައްކައެވެ.

ޗައިނާއިން ފުޅާދާއިރާއެއްގައި ހުރިހައި ދިމާލަކުން ޖާސޫސްކޮށްފައިވާ ކަން މިހާރު ބޭޒާރު ވެއްޖެއެވެ. ޗައިނާ ކޮމިއުނިސްޓް ޕާޓީގެ މަޢްލޫމާތު ފާއްދާލުމުން ކުރިން ލިބިފައި ނުވާ އެތައް މަޢްލޫމާތެއް މިހާރު ވަނީ ލިބިގެން ގޮސްފައެވެ.

މި މަޢްލޫމާތު ފުޅާދާއިރާއެއްގައި ބޭޒާރުކޮށްގެން އުޅެނީ ދި އޮސްޓްރޭލިއަން އިންނެވެ. މި އެމްބަސީތަކަށް މީހުން ވަޒީފާއަށް ވައްދާފައި ވަނީ ޝެންހާއީގައި އޮޕަރޭޓް ކުރާ ޗައިނާ ސަރުކާރުން ހިންގާ ރެކްރޫޓިން އެޖެންސީއަކުންނެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަކީ 92 މިލިއަން މީހުންގެ ޕާޓީއެކެވެ. މިއީ ސިޔާސީ ފިކުރަކަށް ވުރެން ބޮޑަށް އަގީދާއެކެވެ. މީހާ އަމިއްލަ ނަފްސް ގުރުބާން ކުރަން ޖެހޭނީ ޕާޓީއަށެވެ.

ދި އޮސްޓްރޭލިއަންއިން ފާއްދާލާފައިވާ މަޢްލޫމާތުގައި ކޮމިއުނިސްޓް ޕާޓީގެ 1.95 މިލިއަން މީހުންގެ މަޢްލޫމާތު ހިމެނެއެވެ. އޭގައި އެމީހުންގެ މަގާމާއި ނަސްލާއި އުފަންތާރީޚް ފަދަ ހުރިހައި މަޢްލޫމާތެއް ހިމަނާފައި ވެއެވެ.

ބޭރުގެ ތަޖުރިބާކާރުން މި މައްލޫމާތަށް ބަލައި ވިދާޅުވަނީ މިއީ ފުޅާދާއިރާއެއްގައި ހިންގާފައިވާ ޖާސޫސީ މަޢްލޫމާތު އެއްކުރުމުގެ ވިއުގައެއް ކަމަށެވެ. މި މީހުންގެ ހަރަކާތްތައް 16 އަހަރު ވަންދެން ދެމިގެން ގޮސްފައިވާ ކަމަށް މިއިން ދައްކައެވެ. ހައިރާން ވާންޖެހޭ ކަމަކީ، ހުރިހައި ޖާސޫސީ ކުޅަދާނަކަމާއެކުވެސް މިއަދު، މިކަން ހާމަވި ކަމެވެ. އެވެސް އޮސްޓްރޭލިއާގެ ނޫހެއް މެދުވެރިކޮށެވެ.

ކޮމިއުނިސްޓް ޕާޓީގެ މެމްބަރުން ޕާޓީގެ މުސާރައަށް މަސައްކަތް ކުރާ ބައެއ ކުންފުނިތަކުގެ ތެރޭގައި ވޯލްވޯއާއި ސިޓީ ބެންކާއި އެޗްއެސްބީސީއާއި އިކެއާއާއި ޖަގުއަ ލެންޑްރޯވާއާއި މަރސީޑިސް ބެންޒް ކުންފުނި ތައް ހިމެނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިއން ދައްކައި ދެނީ ޝީ ޖިންޕިންގެ ވެރިކަމުގައި ޗައިނާއިން ހުރިހައި ދިމާލަކަށް ފޭދިގެން ގޮސްފައިވާ މަންޒަރެވެ.

ޗައިނާއަށް ވާގިވެރިވާ މީހުން އިންދާފައި ވަނީ ހަމައެކަނި އެމްބަސީތަކުގައި އެކަންޏެއް ނޫނެވެ. މުހިންމު ކުންފުނިތަކާއި ލެބޯޓްރީތަކާއި ދިރާސާ މަރުކަޒުތަކުގައިވެސް ޗައިނާގެ މީހުން އިންދާފައި ކަން ހާމަވެގެން ދެއެވެ.

އޭގެތެރޭގައި އުދުހޭބޯޓު އުފައްދާ ބޯއިންގއާއި ބޭސް އުފައްދާ އެސްޓްރާޒެނެކާއާއި ފައިޒަރ އާއި މަތީފެންވަރުގެ ޔުނިވަރސިޓީތައް ހިމެނެއެވެ.

އަދި އެތައް ގައުމެއްގެ ބޭންކިންގ ކުންފުނިތަކުގައިވެސް މީހުން އިންދާފައިވާ ކަންހާމަވެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ ނިއުޒިލެންޑް ބޭންކިންގ ގްރޫޕްވެސް ހިމެނެއެވެ.