ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިއޮނަލް މެސީ އާއި ނޭމާ އަދި ކިލިއަން އެމްބައްޕޭއާއެކު ވަރުގަދަކޮށް ރޭ ނިކުތް ޕީއެސްޖީގެ މައްޗަށް ބަޔާން މިޔުނިކުން 1-0 އިން ކުރި ހޯދައި ކުއާޓާފައިނަލަށް ދަތުރު ކުރުމުގެ އުއްމީދު ބޮޑު ކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 53 ވަނަ މިނެޓުގައި ބަޔާނަށް ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް ކިންގްސްލޭ ކޯމަންއެވެ. ކޯމަން މިލަނޑު ޖެހީ ޕީއެސްޖީގެ އޭރިޔާގެ ތެރެއަށް ޑިފެންޑަރު އަލްފަންސޯ ޑޭވިސް ހުރަސް ކުރި ބޯޅަ އެއްފަހަރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
ބަޔާނުން ލީޑް ނެގިތާ ހަތަރުވަނަ މިނެޓް ފަހުން ޕީއެސްޖީން އެމްބައްޕޭ ކުޅެން އެރުވިއެވެ. އެމްބައްޕޭ އެރުމާއެކު ޕީއެސްޖީގެ ހަމަލާތައް ވަރުގަދަވެ ބަޔާނަށް ޕްރެޝަރ ބޮޑުވެގެންދިޔައެވެ. މިމެޗުގައި އެމްބައްޕޭ ދެލަނޑުވެސް ޖެހިއެވެ. އެކަމަކު ވީއޭއާރުން ގިނަ ބެލުންތަކެއް ބެލުމަށްފަހު މިދެފަހަރުވެސް ނިންމީ އެމްބައްޕޭ އޮފްސައިޑް ކަމަށެވެ. މީގެ ތެރެއިން އެއްލަނޑުގައި އެމްބައްޕޭ އޮފްސައިޑްވީ ބޫޓުން ތަންކޮޅެކެވެ.
މެޗުގެ އިތުރު ވަގުތުގައި މެސީ، ބަޔާންގެ އޭރިޔާގެ ތެރެއަށް ބޯޅައާއެކު ވަނުމަށް ދަނިކޮށް ފަހަތުން އައިސް ކުރި ފައުލަކަށް ޕަވާޑަށް ރަތްކާޑް ދެއްކުމުން ބަޔާނަށް މެޗް ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.
މިއީ ޖެހިޖެހިގެން ޕީއެސްޖީ ބަލިވި 3 ވަނަ މެޗެވެ. މީގެ ކުރިން އެޓީމު ޖެހިޖެހިގެން 3 މެޗުން އެންމެފަހުން ބަލިވެފައި ވަނީ 2020 ވަނަ އަހަރުއެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި 2021 ވަނަ އަހަރު މެންޗެސްޓަރ ސިޓީ އަތުން ބަލިވިފަހުން، އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގް މެޗެއްގައި ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެވެ.
އަނެއްކޮޅުން ބަލާއިރު މިސީޒަނުގައި މިހާތަނަށް ބަޔާނުން ޗެމްޕިއަންސް ލީގުގައި ކުޅުނު 7 މެޗުންވެސް މިވަނީ މޮޅުވެފައެވެ. 2019/2020 ސީޒަނުގައި ބަޔާނުން ކުޅުނު ހުރިހާ މެޗެއް (11 މެޗް) ކާމިޔާބުކޮށް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިކަންވެސް ފާހަގަ ކޮށްލެވެއެވެ.
ޕީއެސްޖީ އާއި ބަޔާން ބައްދަލު ކުރާ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު ބަޔާންގެ ދަނޑުގައެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ 2 މެޗުތައް (2 މެޗްވެސް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ) :
1. ޑޯޓްމަންޑް - ޗެލްސީ
2. ކްލަބް ބްރޫޖް - ބެންފީކާ