މިއަހަރު ސެޕްޓެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަން ހަދަން ބޭނުންވާ ކަމަށްވާ ކަމަށްވާނަމަ އެކަން ކުރުމުގެ ބާރު އެޕާޓީގެ ގައުމީ މަޖިލީހުން ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ރޭ ދީފިއެވެ. ކޯލީޝަން ހެދުމަށް ކުރަންޖެހޭ މަޝްވަރާއާއި އެކަމަށް ކުރުމަށް ބޭނުންވާ ބާރު ގައުމީ މަޖިލީހުން ރައީސް ސާލިހަށް ދީފައިވަނީ ރޭ އެޕާޓީން ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައެވެ.

މިޖަލްސާގައި ރައީސް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ބައިވެރިއެއް ނުވެއެވެ. މިބާރުތައް ރިޔާސީކެންޑިޑޭޓު ރައީސް ސާލިހަށް ދޭން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި 170 މެމްބަރުން ތިބޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެނަސް ރޭގެ ޖަލްސާގައި ބައިވެރިވެފައިވަނީ 85 މެމްބަރުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލިސް އެކުލެވިގެންވަނީ ޤައުމީ ޗެއަރޕަރސަން، ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން، ދާއިރާތަކުގެ ރައީސުން، ޗެއާޕާސަންގެ ނާއިބު (އިދާރީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ) އާއި ޒުވާނުންގެ ހިއްވަރުގެ ރައީސާއި، އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސްގެ މައްޗަށެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ކުރަންޖެހޭ މަސައްކަތާބެހޭ ގަރާރު ރޭގެ މަޖިލިހަށް ހުށަހެޅީ ރައީސް ސާލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މެނޭޖަރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޝިޒެވެ. ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސާލިހު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު މާ ފަސޭހައިން ކާމިޔާބު ކުރައްވާނޭ ކަމަށެވެ.

ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބަށްފަހު ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެދިރުން ނަމުގައި ރަށްރަށުގައި ގޮފިތައް ހައްދަވައި އެފިކުރު ވަރުގަދަކުރައްވަމުންނެވެ. އަދި އެމްޑީޕީގެ ދަފްތަރުން އުނިވެފައިވާ މެމްބަރުން އަލުން ޕާޓީއަށް ވައްދައި ޕާޓީ ވަރުގަދަ ކުރެއްވުމުގެ މަސައްކަތްވެސް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.

މީގެ އިތުރުން ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުވަނީ ސިވިލްކޯޓަށް ހުށަހަޅައިފައެވެ. ރިޔާސީ ޓިކެޓު ހަވާލުކުރުން އޮންނާނީ މާދަމާރޭ ކާނިވާސަރަހައްދުގައެވެ.