ށ. ކަނޑިތީމު ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިކަމަށް ޕޮލިހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ޕްރޮގްރާމަކީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ވިޔަފާރިވެރިން އިތުރަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެގައި ހިމެނޭ ކަމެއްކަމަށެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށާއި ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުން ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، އޮންލައިންކޮށް ފައިސާދައްކާފައި ފޮނުވާ ސްލިޕަކީ ސައްހަ ސްލިޕެއްތޯ ކަށަވަރުކުރުމަށާއި ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީން ކުރުމަށާއި އަދި އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅައި އީމެއިލް ޕާސްވޯޑް ދިނުމަށް އެދުނުކަމުގައިވިޔަސް ހިއްސާނުކުރުމަށާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކޮށް އަދި ކޭޝްކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ވިޔަފާރި ބަންދުކުރުމަށްފަހު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވިފައިހުރިތޯ ޔަގީން ކުރުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވެއެވެ.