މާލެ މަގުތަކުގައި އެކި އެކި ސިފަތަކުގައި އެކި ގޮތްގޮތަށް ދިވެހިން ސަލާން ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. ހަމައެހެންމެ ފުލުހުންގެ ބެލުމުގެ ދަށަށް މިއިން މީހަކު ގެނެވި، މިކަމަށް ހައްލެއްވެސް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް މާލެ މަގުމަތީގައި މީހުން އަތުން، އެކި ބަހަނާ ދައްކައިގެން ސަލާން ޖަހަމުން ދިޔަ އަންހެންމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ސޯޝަލްމީޑިޔާގެ އެކި ދިމަދިމާލުގައި މާލޭމަގުމަތީގައި މީހުން އަތުން ފައިސާ ހޯދަން ސަލާން ޖަހަމުން ދިޔަކަމަށް ބުނެ ދައުރުވަމުން ދިޔަ މައުލޫމާތުގައި ބުނާ ގޮތުން އެ އަންހެންމީހާއަކީ ޖަޕާނު މީހެކެވެ. މިމައުލޫމާތު ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށް ފަހު، މިއަދުގެ ވަގުތެއްގައި ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މާލޭ މަގުތަކުގައި ބިދޭސީ އަންހެނަކު ސަލާން ޖަހަމުން އުޅޭ ކަން ފުލުހުންގެ ސަމާލުކަމަށް ގެނައީ މީހަކު ކުރި ޓްވީޓަކުންނެވެ. އެޓްވީޓުގައި ބުނެފައިވާ ގޮތުން އެ އަންހެން މީހާއަކީ ފާރިސް ނަމަކަށް ކިޔާ މީހަކާ އިނދެގެން އުޅޭތާ 13 އަހަރު ވެފައިވާ ޖަޕާނު މީހެއްކަަށާއި އޭނާ މާލެތެރޭގައި ސަލާން ޖަހަމުން ދަނީ ބަލިވެ އުޅޭ ކަމަށާއި ފިރިމީހާ އޭނާ ވަރިކޮށް ގެއިން ނެރެލުމުން ނުކައި ނުބޮއި ހުންނަ ކަމަށް ބުނަމުން ކަމަށެވެ. އަދިވެސް އެޓުވީޓުގައި އަންހެންމީހާ ހެނދުނު ހެނދުނާ ނިކުންނަ ގޮތަށް ރޭގަނޑު ވަރަށް ލަސް ވަންދެން ވެސް މާލޭގެ އެކި ސަރަހައްދު ތަކުން އެ ޖަޕާނު މީހާ ފެންނަ ކަމަށާއި އާންމުކޮށް ފައިސާ ދޭން ބުނަނީ އެކަނި ދިމާވާ ފިރިހެނުން ކައިރީ ކަމަށްވެސް އެޓުވީޓުގައި ބުނެފައިވެއެވެ.

ބައެއް މީހުން އެޓުވީޓަށް ރައްދުދެމުން ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ އެކި ފަހަރު ދައްކަނީ އެކި ވާހަކަ ކަމަށެވެ. އެއްބައިފަހަރު (ގެއިން ނެރެލާފައިވާ އިރުވެސް ހަމަނުޖެހޭ ވާހަކައެއް) ފިރިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވާތީ އެހީ ހޯދަން ސަލާން ޖަހާއެެ އުޅޭއިރު އަނެއްބައި ފަހަރު ދައްކަނީ ރާއްޖޭގެ ކުންފުންޏަކުން ލަނޑު ދިން ކަމުގެ ވާހަކަ ކަމަށެވެ.މާލެތެރޭގައި މި އަންހެންމީހާ މިގޮތަށް ސަލާން ޖަހައުޅޭތާ އެތައް މަހެއް ވެފައިވާކަމަށް ބައެއް މީހުން ބުނެފައިވާއިރު ބައެއް މީހުން އަންހެންމީހާ އާއި އޭނާގެ ފިރިމީހާ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.

މާލެތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި މިފަދަ އަމަލެއް ނުކުރާ، އަތާފަޔާއި ސިއްހަތު ސަލާމަތުން ތިބި ގަދަފަދަ ބޮޑެތި ފިރިހެނުންނާއި އަންހެނުން ސަލާން ޖެހުމަކީ ފަހަކަށް އައިސް ވަރަށް އާންމު މަންޒަރެކެވެ. ހުކުރުވަހު، ހުކުރު ވަގުގަކީ ސަލާން ޖަހާ މީހުންނަށް ހާއްސަ ގަޑިއެކެވެ. ފެންވަރާ ރީތިވެގެން ބައެއް މީހުން ހަމަ އެ ވަގުތަށް އެކަމަށް ހާއްސަކޮށްފައި ހުންނަ ސަރަހައްދުތަކަށް ގޮސް ތިބޭ މަންޒަރުވެސް ފެންނާނެއެވެ. ބައެއް މީހުން ނުކުޅެދޭ މީހުންނަށް ހެދިގެންނެވެ.

މާލޭގެ ފިހާރަތަކާއި އޭޓީއެމް ކައިރީ ސަލާންޖަހަން އާންމުކޮށް އިންނަ ޒުވާނެއް؛ މިފަދަ ކިތަންމެ ބަޔަކު އުޅޭ

މާލޭގެ ފިރިހެނުން ވަންނަން ހާއްސަ މިސްކިތްތަކުގައި އަންހެނުން ވަދެ އުނޑަފައިން ސަލާން ޖަހަން އެބަތިބެއެވެ. މަޖީދީމަގުގައާއި އެހެނިހެން ބޮޑެތި މަގުތަކުގައި އޭޓީއެމްތައް ބުޑުގައި ހޮސްޕިޓަލުތަކުގެ ދޮރާށިދޮށުގައި ތާއަބަދު ކޮންމެވެސް އެއްވައްތަރެއް ޖަައްސައިގެން އަތްދިއްކޮށް ކަރުއެލުވާލައިގެން ތިބެއެވެ. ކިހާ ފަސޭހަތޯއެވެ. ކުލި ދައްކާކަށް ބިލުތައް ދައްކާކަށް ނުޖެހެއެވެ. މަގުތަކުން ދުވަހުގެ ތާޒާ މަންޒަރުތައް ފެންނާނެއެވެ. އަތުން ފައިން މަސައްކަތެއް ނުކޮށް ކާންބޯން ލިބެއެވެ. ބައެއް ދެމަފިރިން ދަރިން ބަލައިބޮޑު އެބަ ކުރެއެވެ. ހަމަ މުޅިންވެސް ސަލާން ޖަހައިގެންނެވެ.

ނަމަވެސް މިއިން އެއްވެސް މީހެއްގެ ކަމެއް ފުލުހުންގެ ސަމާލުކަމަށް ގެނެސް ފިޔަވަޅު އަޅާފައެއް ނުވެއެވެ. ބައެއް ބޮޑެތި ފިހާރަތަކުގެ ދޮރުމަތީގައި ގެދޮރު އަޅައިގެންވެސް، ދުވާލުހަތަރުދަމު ސަލާންޖެހުމަށް ވަރުބަލިކަމެއް ނެތި އަތް ދިއްކޮށްގެން އެބަތިބެއެވެ. މަސްތުވުމަށް ދެވިހިފާފައި ތިބޭ މީހުންނާއި އަދި ހަމަ މިފަދަ އެއްވެސް ނުކުރާ މީހުންވެސް ސަލާން ޖެހުމަށް އިށީނދެގެން ތިބެއެވެ.

ރާއްޖެއިން ބޭރު މީހަކަށް ވުމުން އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އިރު މިއިން ކަމަކަށް ފުލުުހުންނަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވިތާނގައި ސަމާލުކަމަށްވެސް މިއިން މީހެއްގެ އެއްވެސް ކަމެއް ގެނެވިފައެއް ނެތެވެ.