މީހުން ދުވާލު ހަތަރުދަމު ދާ އޮހޮރައި އަތްފައި ކޮށާ މަށައިގެން، ބުރަ މަސަައްކަތުން ހޯދާ ފައިސާ އިން ދިރިއުޅުން ތަރައްގީ ކުރުމަށް ގަންނަ ހަރު މުދާގަނޑަށް ގޮތެއް ހަދާލާ އިރު ހިތަކަށް ހަމަ އެކައްޗެއްވެސް ނާރަނީބާވައެވެ. ފަހަކަށް އައިސް ވައްކަން ކުރުމަކީ ހަމަ ވަރަށް އާދައިގެ ކަމަކަށްވާ އިރު ވަގަށް ނަގައިގެން ގެންދާ އެތި ގަންނަނީ ގިނަފަހަރު ތަންދޮރު އެނގޭ ބޮޑުންނެވެ. މިއީ ބޭނުންވާ ތަކެތި ކުޑައަގެއްގައި ހޯދުމުގެ ތިއަރީއެކެވެ.

ސޯޝަލްމީޑިޔާގެ ފޭސްބުކްގައި މީގެ ދެތިން ގަޑިއިރު ކުރިން މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ހުޅުމާލެ އަމީން އެވެނިއު ކުރިމަތީ މަގުގައި ޕާކު ކޮށްފައި އޮތް ކާރެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު އިރު އެކާރުގެ ހާލަތު ހުރި ގޮތުގެ ވާހަކައެވެ. ވަގުކަލޭގެ މުދާގަނޑު ނަގައިގެން ގޮސް ހިތުހުރި ވަރެއް ކޮށްގެން އެއްލައިލާފައި އޮތީ ރޫޅާލައިގެން އެތެރެއާއި ބޭރުގައިވެސް ހުރި ހުރިހާ ސާމާނެއް ނަގައިގެން ހުސްތޮށިގަނޑެވެ.

ޕޯސްޓުގައި އެމީހާ ބުނެފައިވާ ގޮތުގައި ރޭގައި ކާރު ނެތްކަން އެނގިގެން ހޯދަމުން ދަނިކޮށް ފެނުނީ އެފްޑަބްލިއު ފްލެޓްތަކާ ދިމާލުން ރޫޅާ ސްޕެއަރ އަށް ތަކެތި ނަގާ އެއްލާފައި އޮއްވާ ކަމަށެވެ. ހިތަކަށް ކޮށްލާނެ އަސަރު އިހުސާސް ވެސް ނުކުރެޭނެއެވެ. ޔަގީނުންވެސް މިވަރުގެ އެއްޗެއް ގަނެގެން މާލެއާ ހަމައަށް ގެނެސް ގެންގުޅޭއިރު ހަރަދުތަކެއް ހިނގާފައި ހުންނާނެއެވެ. ވައްކަން ކުރި މީހާއަށް ހަމަ އައްސަރި ބަހާއި ސާބަހެވެ.

ކާރު ފެނުނު އިރު އޮތްގޮތްއަދި ހަމަ އެވަގުތު ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޕޮލިހުން އެތަނަށް ހާޒިރު ވިކަމަށް ބުނެފައި ވެއެވެ. ކާރުގެ ވެރި ފަރާތުން ރައްޓެހިންނާއެކު ކުރެވުނު މަސައްކަތަކުން މިއަދު އެ ކާރު ރޫޅި ފަރާތް ހޯދިއްޖެ ކަމަށެވެ. އަދި މިވަގުތު އެ ބޭބެ ވީ ޕޮލިހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް އެ ޕޯސްޓުގައި އެމީހާ ހާމަކޮށްފައިވެއެވެ.

"އެ ބޭބެ ބުނާ ގޮތުން އެ ބޭބެއަށް ކާރު ވިއްކީ އެޗްޑީސީ އެޗްޑީސީ ގެ މުވައްޒަފެއް. ކާރު އެތަނަށް ގެނެސްދިނީ އެޗްޑީސީ ވެހިކަލްގަ ( ފޯކްލިފްޓްގަ)."

ވާހް ވާހ އެވެ. މިއީ އަދި މާމޮޅު ވާހަކައެކެވެ. ކާރު ރޫޅިފަރާތަށް ކާރު ސްޕެއަރ ވިއްކީ -/ 3500ރ އަށް ކަމަށް ކާރު ރޫޅާލި ބޭބެ ބުނެފައިވާ ކަމަށެވެ. ކާރު ގެއްލުމުގެ ކުރިން އެބޭބެ ބޭނުންވާ ދޮރުތަކާއި ތަކެތި ނަގާފައި ޝީޓުތްކާއި އިންޓީރިއާ ޕާޓްސް ހުރީ ނައްޓާފައި ފަހުން ގެންދަން ރެޑީކޮށްފައި ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

ކާރުގެ ވެރިފަރާތުން ބުނީ "ރައްޔިތުންގެ ކުންފުނީގެ ވެހިކަލް ބޭނުންކޮށްގެން ރައްޔިތުންގެ މުދާ ވަގަށް ނަގައިގެން ވިއްކުން މިއީ މުޅިން އެހެން ލެވެލްއެއް." ގައި ކަމަށެވެ. ދޮގެއްވާ ނޫނެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިޝަލް މިކަން ހިނގައިދިޔަ ގޮތް ސާފު ކުރުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވި ކަމުގައި "ދިޔަރެސް" ނޫހުން ހާމަކޮށްފައިވެއެވެ.

ކޮންމެއަކަސް މިއީ ހުޅުމާލޭގެ އެކި ދިމާތަކުން ވަރަށް އާންމުކޮށް މިގޮތަށް ބައިތައް ނަގާފައި ހިރަފުސްއަރާ ބައުވޭވޭ ހުންނަ ކާރުތަައް ފެނެއެވެ. އޭގެ ތެރޭގައި މިގޮތަށް މީހުން ވަގަށް ބައިތައް ގެންގޮސްގެން ހަލާކުވެފައި ބާއްވަން މަޖުބޫރުވި ކިތައް ކާރު އޮންނާނެ ބާވައެވެ. ހުރިހާ ފަހަރެއްގައި އެޗްޑީސީ ކަމަށް ނުވެދާނެއެވެ. ހުރިހާ ފަހަރެއްގައި މިގޮތަށް ސޯޝަލްމީޑިޔާގައި ހަބަރު ނުކުރެވުނަސް މިއީ ހަމަ ހިނގާ ހާދިސާއެއްކަން ޔަގީނެވެ.