ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުން އެއްތަންވެ އުޅުމަށްޓަކައި ރާއްޖޭގެ އެކިސަރަހައްދުތަކުގައި އިޖުތިމާއީ މަރުކަޒުތަކެއް ގާއިމް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވީ ފަރާތްތަކަށް އިނާމް ދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެބޭފުޅުންނަކީ ގައުމީ ތަރައްގީގެ މުހިންމު ހިއްސާދާރުން ކަމަށެވެ. އެހެން ކަމުން އެބޭފުޅުންގެ އަގުވަޒަން ކުރުމަށް މިފަދަ އިނާމެއް ދެއްވުމަށްފަހު ނިންމައި ނުލެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެބޭފުޅުންނަށް އުފާވެރި ކަމާއެކު އުޅެވޭނޭ ގޮތްތަކެއް ހަމަޖައްސަވައިދޭނން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންކަމުން، އެފަދަ ބޭފުޅުން އެއް ތަނަކުން ބައްދަލުވެ، އުފާވެރިކަމާއެކު ވަގުތު ހޭދަކޮށްލައި އުޅެވޭފަދަ މާޙައުލެއް ގާއިމުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ގަސްތުކުރަނީ، އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްދޭން،" ރައީސް ވިދާޅުވިއެވެ. "ނާދީ ހުރި ބިމުގައި، އަދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ވެސް ހިންގި އިމާރާތުގައި، އެފަދަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް، އަޅުގަނޑުމެން މިހާރު މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެތަނުގެ ޚިދުމަތް ލިބެން ފަށާނެ. މާލެއަށް ފަހު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސް ރަށްވެހިންގެ މަރުކަޒުތައް ހުޅުވުމަށް އަޅުގަނޑުމެން ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.

އެފަދަ މަރުކަޒުތައް ގާއިމް ކުރުމުން އިސް ރަށްވެހިންނަށް ދޭންޖެހޭ ޙައްގު ގަދަރާއި އިޙްތިރާމު ހޯދައިދިނުމަށް މަގުފަހިވުމާއި، އެކަންކަމަށް ބާރުއެޅުމަށް މަގުފަހިވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިސް ރަށްވެހިންގެ ޙިއްސާ މުޖުތަމައުގައި މިހާރަށްވުރެ ވީހާވެސް ބޮޑަކަށް އިތުރުވެގެންދާނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ދުޅަހެޔޮ ދޮށީ ޢުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގޭނޭ ކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދު ޚިދުމަތުން ވަކިވެވަޑައިގެންފައި ތިއްބެވިޔަސް، އެ ބޭފުޅުންނަކީ ދައުލަތުގެ އިދާރީ ހިންގުންތެރިކަމުގެ ތަޖުރިބާތަކުން ފުރިފައިވާ ކަންޒުތަކެއް. އެފަދަ ބޭފުޅުންގެ ތަޖުރިބާއިން ޙާޞިލްކުރެވޭނެ ކިތަންމެ މަންފާއެއް މިހާރުވެސް ހުންނާނެ. މި ދެންނެވި އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުން، އެފަދަ ބޭފުޅުންގެ ތަޖުރިބާތައް ޙިއްސާކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.