16ފެބްރުއަރީ 2023 ވީ ބުރާސްފަތި ދުވަހު އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރެފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އައްޑޫގައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ރޭގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުނުކަމަށްވެސް ބުނެފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރިކަމަށް ފުލުހުން ހާމަކުރީ ހާދިސާ ހިނގި ދުވަހުގެ ރޭގައެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.