ރަންތާޖު ޤުރުއާން މުބާރާތަށް ޤާރީ، ޝައިޚް މިޝަރީ ވަޑައިގަންނަވާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް މިހެން ވިދާޅުވީ ކުވައިތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޤާރީ މިޝަރީއާ ބައްދަލުކުރައްވައި ކުރެއްވި ޓްވީޓެއްގައެެވެ. އެޓުވީޓުގައި މިނިސްޓަރު މަހުލޫފު ވިދާޅުވި ގޮތުގައި ރަންތާޖު ޤުރުއާން މުބާރާތުގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ޤާރީ މިޝާރީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"ރަންތާޖު" ޤުރުއާން މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ޤުރުއާން މުބާރާތެވެ.

ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް މިހާރު ވަނީ ނިންމާލާފައެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމަށް ދެއްވި މައުލޫމާތުގައި އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ވިދާޅުވެފައިވާ ގޮތުގައި ރަމަޟާން މަހު މިމުބާރާތް ކުރިޔަށްދާއިރު، ދުނިޔޭގެ ނަން މަޝްހޫރު ޤާރީން މުބާރާތުގެ އެކި ހިސާބުތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ 6 ސަރަޙައްދެއްގައި މި މުބާރާތުގެ އޮޑިޝަންތައް ވަނީ ބާއްވާފައެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންތަކުގައި 111 ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި މި ފެށޭ ހަފުތާގައި މުބާރާތުގައި ވާދަކުރާ 20 ބައިވެރިންގެ ނަން އިޢުލާންކުރާނެއެވެ. ހަމައެހެންމެ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި "ރަންތާޖު" ޤުރުއާން މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާނެ 3 ފަނޑިޔާރުންގެ ނަންވެސް އިޢުލާން ކުރާނެއެވެ.

މި މުބާރާތަކީ 16 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. އަދި 'ރަންތާޖު ޤުރުއާން' މުބާރާތުގެ ރަންތާޖު ހާސިލުކުރައްވައި އެއްވަނައަށް އަންނަ ފަރާތުގެ އިނާމަކަށް 3 ލައްކަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ގެނެސްދެމުން އައި "އަލިގަދަ ތަރި" ޤުރުއާން މުބާރާތަކީ ރޯދަމަހު އެންމެ ގިނަ މީހުންގެ ސަމާލުކަން ލިބިފައިވާ ޕްރޮގްރާމެވެ. އަދި އެންމެ ގިނަ ބަޔަކު ވަގުތުންނާއި ރިޕީޓުކޮށްވެސް އެންމެ ގިނައިން ބަލާފައިވާ މުބާރާާތަކީވެސް "ދިވެހިރާއްޖޭގެ އަލިގަދަ ތަރި" އެވެ. މިޕްރޮގްރާމުން ދިވެހިންގެ ތެރޭގައި ތިއްބެވި އެތައް ހުނަރުވެރި، ކީރިތި ޤުރުއާނުގެ އަހުލުވެރި، ތަޖުވީދުގެ ފުންނާބުއުސް ފަރާތްތައް އާންމުންގެ ތެރެއަށް ވަނީ ފެނިގެން ގޮސްފައެެވެ.