ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގެން ތިބި އިސްރާއިލުގެ އަސްކަރިއްޔާއިން ރޭ ދަންވަރުގެ ވަގުތެއްގައި ސީރިޔާގެ ވެރިރަށް ދިމިޝްގަށް މިސައިލުން ހަމަލާދީ 5 މީހުން މަރާލައިފިއެވެ.

ސީރިޔާގެ އަސްކަރިއްޔާއިން ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި އިސްރާއިލުން ހަމަލާ ދީފައި ވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަކަށެވެ. ހަމަލާ އަމާޒުވި ސަރަހައްދަކީ ސީރިއާ ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއް ދިރިއުޅޭ ސަރަހައްދެކެވެ.

ސީރިޔާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ މިސައިލްތައް ދަތުރުކޮށްފައިވަނީ އިސްރާއީލުން ހިފާފައިވާ ގޯލާންގެ އުސްބިންތައް ހިމެނޭ ސަރަހައްދުންނެވެ. ސީރިޔާ އަސްކަރިއްޔާގެ މިތުހުމަތަށް މިހާތަނަށް އިސްރާއިލުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލުން ދޭތެރެ ދޭތެރެއިން ސީރިއާގެ އެކި ސަރަހައްްދުތަކަށް މިސައިލުން ހަމަލާދެއެވެ. ހަމަލާ ދިނުމަށް ބަހަނާއެއް ކަމުގައި ދައްކަނީ އިރާނުގެ މަދަދު ލިބޭ ހިޒްބުﷲ ހަނގުރާމަވެރިން ސީރިޔާގައި ހަރަކާތްތެެރިވާކަމަށް ބުނެއެވެ.