ސްޕެނިޝް ލަލީގާގައި ރޭ ކާޑިޒް 0-2 އިން ބަލިކޮށް، ތާވަލުގެ ކުރީގައި ބާސެލޯނާއިން ދަމަހައްޓަމުން އަންނަ 8 ޕޮއިންޓުގެ ލީޑް ދިފާއު ކޮށްފިއެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ގައި ކުޅުނު މިމެޗުގައި ބާސެލޯނާއިން ދެލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސާޖީ ރޮބާޓޯއެވެ. ދެވަނަ ލަނޑު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ.

މެޗުގައި ކާޑިޒުން ކޮންމެ ހާފެއްގައި ލަނޑެއްވެސް ޖެހިއެވެ. ފުރަތަމަ ހާފުގައި ޖެހި ލަނޑު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ދެވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑު ކާޑިޒުން ޖެހީ ބާސެލޯނާގެ ކީޕަރު ޓަރ ސްޓެޖެންއަށް ފައުލް ކޮށްފައި ކަމަށް ރެފްރީ ނިންމީއެވެ. މީގެ އިތުރުން ދެވަނަ ހާފުގައި ކާޑިޒުން ފޮނުވާލި ދެހަމަލާއެއްގެ ހުރަހަކަށްވީ ބާސެލޯނާގެ ގޯލުގެ އަރިމަތީ ދަނޑިއެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ބާސެލޯނާ އޮތީ 59 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ވާދަވެރި ރެއާލް މެޑްރިޑް އޮތީ 51 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ރެއާލް ސޮސިއެޑާޑް 43 ޕޮއިންޓާއެކު އޮތްއިރު ދެޕޮއިންޓް ފަހަތުން 4 ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.