އިނގިރޭސި ޕްރިއަރ ލީގުގައި ރޭ ލެސްޓަރ ސިޓީ އަތުން މޮޅުވެވުނަސް ކުޅުންތެރިން ފުރަތަމަ ހާފުގައި ދެއްކީ ވަަރަށް ދަށް ކުޅުމެއް ކަމަށާއި ސަލާމަތްވެވުނީ ކީޕަރު ޑޭވިޑް ޑެހެއާގެ މޮޅެތި ސޭވްތަކުގެ ސަބަބުން ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗް އެރިކް ޓެންހާގް ބުނެފިއެވެ.

މިމެޗް މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބު ކުރީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް މާކަސް ރަޝްފާޑް ކާމިޔާބު ކޮށްދިން ދެލަނޑާއި ވިންގަރ ޖޯޑަން ސަންޗޯ ކާމިޔާބު ކޮށްދިން ލަނޑުން 3-0 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓެންހާގް ބުނީ ފުރަތަމަ ހާފުގައި ފެނުނީ ބަލައިގަނެވޭނެ ކުޅުމެއް ނޫން ކަމަށެވެ. "ފުރަތަމަ ހާފުގައި ލެސްޓަރއިން ވަރަށް މޮޅަށް ކުޅުނު. އަހަރެމެންގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއް. ފުރަތަމަ ހާފް އަހަރެމެންނަށް އުނދަގޫވެގެންދިޔައީ އަހަރެމެން ކުޅުމުގައި ގެންގުޅޭ އަޚްލާގާއި ކުޅުމުގެ ވައްޓަފާޅިގަނޑު އެކަށީގެންވާ ގޮތެއްގައި ނުހިފެހެއްޓިގެން. ފުރަތަމަ ހާފުގައި ލަނޑެއް ވަނަނުދީ ހިފެހެއްޓިކަމަށްޓަކައި ޑެހެއާއަށް ޝުކުރު ހައްގު" ޓެންހާގް ބުންޏެވެ.

މިމޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ 3 ވަނައިގައި އޮތީ 49 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 52 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އާސެނަލް އޮތީ 54 ޕޮއިންޓާއެކުއެވެ.