ސުކޫލުތަކުގައާއި ކޯސްތަކުގައިވެސް އަދި ބޮޑެތި ޑިގްރީތަކަށް ކިޔެވުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާ ކުރާ ކަމަކީ ހަވާލު ކުރެވޭ އެސައިންމަންޓުތަކެވެ. ދިރާސާ ކުރުމަށްފަހު، އަމިއްލަ ތަޖުރިބާގެ އަލީގައި ތިމާއަށް އެެއްޗެއް އެނގުމަށްފަހު އަނެކާއަށް ތިމާއަށް އެ އެނގުނު އެތި ބުނެދޭކަހަލަ ގޮތަކަށް ހަދާ މި އެސައިންމަންޓުގެ ފުރިހަމަ މަގުސަދު ހާސިލު ކުރެވޭބާވައެވެ.

ދުވަސްކޮޅެއް ކުރިން ދިމާވި ކަމެކެވެ. ވަރަށް ގާތް އެކުވެރިއަކު ގުޅާލީ ބޮޑު ކަމަކު އެދެންވެގެނެވެ. ނޫނެކޭ ނުބުނެވޭހާވެސް ހެޔޮކޮށް އެހީތެރިވެދީ، ބޭނުންތަކުގައި ބޭނުން ޖެހިގެން އުޅޭ ވަގުތު އެންމެ ގާތުން އަތް ދިއްކޮށްފައި ހުރި އެކުވެރިއެކެވެ. ވަރަށްވެސް ބޮޑަށް ދެރަވެ ކަރުއެލުވާލާފައި އެދުނީ އޭނާ މިހާރު ހަދަމުންދާ ކޯހުގައި ހަވާލު ކޮށްފައި ހުރި އެސައިންމަންޓުން އެކަތި ހަދައިދިނުމަށެވެ. ރަނގަޅު އަގެއް ދޭނެކަމަށްވެސް ބުންޏެވެ. މޫނުކެޑި ދެމީހުންގެ ޒަމާންވީ އެކުވެރިކަމުގެ ދެމެދަށް ބޯ ލޮއިގެ ފާރެއް ލެވޭނެކަން އެނގިހުރެ އަހަންނަށް އެންމެ އުނދަގޫ ކަންތައް ކޮށްލީމެވެ. އެއީ އެހާ ހެޔޮ އެކުވެރިއަކު ކަމަކު ބުނުމުން ނޫނެކޭ ބުނުމެވެ.

ހިތަށް އެރި ވަރަކަށް "ކަލަ" ގޮވާފައި ފޯނު ބޭއްވިއެވެ، ބޮޑު އަގު ދީފައި އެއެސައިންމަންޓު ހައްދައި އެބުނި ކޯހަކުން އެއްވަނައިގަ ފާސްވެސްވިއެވެ. އެކަމަކު އާހިރުގައި އޭނާ އެއަދާ ކުރާ ޒިންމާ ބޮޑު ވަޒީފާގެ އެއްވެސް މަގުސަދެއް ހާސިލު ވޭބާވައެވެ. ގައުމުގެ އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ ސިކުނޑީގެ އުނި މައްސަލަތަކާއި ޑިޕްރެޝަން، އެންޒައިޓީ، ބައިޕޯލާ ފަދަ ކަންތައްތަކުގައި އޭނާއަކީ ނަންބަރ ވަން ސައިކޭޓްރިސްޓެވެ. ޑޮކްޓަރީ ބޭސް ކެޔަސް އޭނާގެ އެހީ ބޭނުންވާނެއެވެ. ޑްރަގް އެޑިކްޓުންނާއި އެހެނިހެން ބޮޑެތި ކޭސްތަކުގައި ކުށްވެރިންނަށް ކައުންސެލިން ދީ ސެޝަން ނަގައިދީ މިހުރިހާ ކަމެއް ކުރާއިރު ނަތީޖާ ރަނގަޅު ބާވައެވެ.

މިފަދަ ކިތަންމެ ބަޔަކު އުޅެއެެވެ. ބޮޑެތި ޒިންމާތައް އުފުލަން ޖެހޭ މީހުން މިގޮތަށް މޮޅު މީހަކު ފައިސާ ހޯދަން ކުރާ މަސައްކަތް ބަލައިގަނެ، އެމީހުން ލައްވައި އެސައިންމަންޓު ހައްދައިގެން ތިމާގެ ޒިންމާ އޮންނަނީ އޮޅުންވެ ވިއްސި ވިހާލިވެފައެވެ. އެސައިންމަންޓް ހަދަން ޖެހޭ ގޮތަށް، ތިމާގެ އަމިއްލަ ތަޖުރިބާގެ އަލީގައި އެކަން ކުރުމުން ތިމާ މީހާ މީހަކަށްވެސް ވާނެކަން ގަބޫލުކުރަނީ މަދު ބައެކެވެ. އަދު ހަމަ ކިތަންމެ ނަސީބު ރަނގަޅުކޮށް ކޯހުގައި އެއްވަނަ ލިބުމަށްވުރެ މާދަމާ ތިމާގެ ސަބަބުން ބަޔަކަށް ހަގީގީ ފައިދާއެއްވާނެހެން ތިމާ އުނގެނޭ އެއްޗަކަށް އެސައިންޓްމަންޓް ހަދާށެވެ. މަކަރު ހެދީމަ ހެދެނީ އަމިއްލައަށެެވެ.