މާލޭ މާރުކޭޓުގައި ކާށިގެ އަގު ބޮޑު ތަނުން އުފުލިއްޖެއެވެ.

މާލޭ ލޯކަލް މާރުކޭޓުގައި ކާށި ވިއްކުމަށް ހާއްސަ ކޮށްފައިވާ ގޮޅިތަކުން ކާށި ވިއްކާ އަގުތައް ބަލާއިރު، އެންމެ ކުދި ކާށި ލިބެން ހުރީ ކާއްޓެއް 8 ރުފިޔާއަށެވެ. ކުރިން މިސައިޒުގެ ކާށި ވިއްކަމުން ދިޔައީ 3-4 އަށެވެ. މިއާ ޖެހިގެން ހުރި ސައިޒް ލިބެން ހުރީ 10 ރުފިޔާއަށެވެ.

އެންމެ އާންމުކޮށް މީހުން ގަނެއުޅޭ މެދު ސައިޒުގެ ކާށި މިވަގު ވިއްކަމުން ދަނީ 15 ރުފިޔާއަށެވެ. އެންމެ ބޮޑެތި ކާށި ލިބެން ހުރީ 25 ރުފިޔާއަށެވެ.

ލޯކަލް މާރުކޭޓުގައި ވިއްކަން ހުންނަ އެންމެ ކުދި ސައިޒުގެ ކާށި. ފޮޓޯ؛ ހަލިނިއުސް

ކާށި ވިއްކުމުގެ މަސައްކަތުގައި ލޯކަލް މާރުކޭޓުގައި ފާއިތުވެދިޔަ 15 ވަރަކަށް އަހަރުން ފެށިގެން އުޅެމުން އަންނަ އަލީ އިބްރާހިމް (އިބްރާހިމްބެ) "ހަލިނިއުސް" އަށް މައުލޫމާތު ދެމުން ބުނީ ކާށީގެ އަގު މައްޗަށް ދިޔުމާއި ކުރިއަށް އޮތް ރަމަޟާންމަހާ ގުޅުމެއް އޮތް ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

"ރަށްރަށުން ކާށި ފޮނުވައިދޭ މީހުން ބުނަނީ ރުއްތަކުގެ މަތިވަރު މާބޮޑަށް ދަށީކަމަށް. ކުރިއަރާ ބަލާއިރު %100 މިިވަނީ މައްޗަށް ޖެހިފައި. ކުރިން ހަތްސަތޭކަ ރުފިޔާއަށް ގަތް ކާށި ބަސްތާއެއް މިހާރު ގަންނަން މިލިބެނީ ސާދަސަތޭކަ ރުފިޔާއަށް. މީގެ އިތުރުން ކޮންމެ އަހަރެއްގެ މިދުވަސްވަރާ ދިމާކޮށް ކުރުނބަލަށް އާދަޔާ ޚިލާފް ޑިމާންޑެއް އޮތުމަކީވެސް ކާށީގެ އަގު މައްޗަށް ދިޔުމަށް މެދުވެރިވި އެއްސަބަބު" އިބްރާހިމްބެ ބުންޏެވެ.

ރަމަޟާން މަސް ފެށެން މަސްދުވަހަށްވެފައިވާއިރު ކާށިގެ އަގު އިތުރަށް އުފުލޭނެކަމަށް އިބްރާހިމްބެ ލަފާކުރެއެވެ. މީގެ ކުރިން ބައެއް ރަމަޟާން މަސްތަކާ ދިމާކޮށް ކާށި ބަސްތާއެއްގެ އަގު 2000 ރުފިޔާއަށްވެސް އުފުލިފައި އެބަހުއްޓެވެ.

މާލެއަށް މައިގަނޑު ގޮތެއްގައި ކާށި ފޮނުވަނީ އުތުރުގެ ދެއަތޮޅުންނާއި އެންމެ ދެކުނުގެ ހަތަރު އަތޮޅުންނެވެ.