ސިޔާސީ އެއްވެސް ބުރަދަނެއް ނެތި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު އަދާލަތުން ކޯލިޝަން ހަދައިފިއެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއިދުކުރަން އަދާލަތުން ނިންމީ ފެބުރުއަރީ 20 ވަނަ ދުވަހު ކުރެވުނު މަޝްވަރާތަކަށް ރިޔާއަތް ކޮށް އެޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ނެރުނު ގަރާރަކުންނެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕޫގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސާލިހެވެ. ރިޔާސީ އިންތިޚާބުގައި އިބޫއަށް ތާއިދު ކުރަން އެޕާޓީން ނިންމެވީ ސިޔާސީ ގޮތުން ކޮންގޮތަކަށް ވިސްނަވާފައި ކަމެއް ހާމައެއް ނުކުރެއެވެ. އަދާލަތަކީ މިހާރު ސަރުކާރުގެ ވެސް ކޯލިޝަން ޕާޓުނަރެކެވެ. އަދާލަތުޕާޓީ އުފެއްދި ފަހުން އައި ކޮންމެ ސަރުކާރެއްގައި ކޯލިޝަން ޕާޓުނަރެެއްގެ ގޮތުގައި އެޕާޓީން ވަނީ ހަރަކާތްތެރިވެފައެވެ.

މިހާތަނަށް އައިއިރު އެޕާޓީން ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައި މިވަގުތުގެ ޙާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް ޢަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީ މިފަހަރުވެސް ރައީސް ސާލިހު ވެރިކަމަށް އިންތިހާބުކޮށްގެން ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު ކޯލިޝަން ހެދުމާ ގުޅިގެން އަދާލަތުގެ އެ ނިންމުމަށް ޝުކުރުއަދާ ކުރައްވައި ރައީސް ސާލިހް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓުވީޓުގައި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދިވެހިރާއްޖެއަށް އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އެންމެން އެކީ ގުޅިގެން ކުރިއަށް ދިއުމަށެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް ވަނީ އަދާލަތުގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ ކޯލިޝަންގެ ގޮންޖެހުންތަކާ ފުރައްސާރަތަކާއެކުވެސް ސަރުކާރާއެކު މިވޭތުވެދިޔަތާ ގައުމުގެ ހެވާއި ލާބަޔަށް މަސައްކަތް ކޮށްދެއްވުމަށް ތިއްބެވީތީ އަދާލަތަށް ޝުކުރު ދަންނާވާ ކަމަށެވެ.

ރައީސް ސާލިހު ވަނީ ސަރުކާރު ހިންގާ ކޯޯލިޝަންގައި ހިމެނޭ ތިން ޕާޓީން މިފަހަރުވެސް އެމަނިކުފާނަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެން ރައިސް ވަނީ އެ ތިންޕާޓީގެ އިސްބޭފުޅުންނަށް ސިޓީއެއް ފޮނުއްވާފައެވެ. އަދާލަތުގެ އިތުރުން ކޯލިޝަނުގެ އަނެއް ދެ ޕާޓީއަކީ ޖޭޕީއާއި އެމްއާރުއެމް އެވެ. ރައީސްގެ ސިޓީއާ ގުޅޭގޮތުން އަދި ދެ ދެޕާޓީން ގޮތެއް ނުނިންމަވައެވެ.