ހަށިވިއްކާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 21 ފެބްރުއަރީ ވީ އަންގާރަ ދުވަހުގެ ރޭ "ރޯޅި ގެސްޓްހައުސް" ބަލައި ފާސްކޮށް ހައްޔަރު ކުރި މީހުންގެ ބަންދަށް ކްރިމިނަލްކޯޓުން ގޮތް ނިންމިއިރު ޖިންސީ ގުޅުން ހިންގުމުގެ ތެރެއިން ހައްޔަރަށް ގެންދިޔަ ކަމަށް ބުނާ މީހާ ޝަރުތާއެކު ދޫކޮށް ދެން ތިބި މީހުންގެ ބަންދަށް މުއްދަތު ކަނޑައަޅައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާ އަދި 36 އަހަރު އަދި 31 އަހަރުގެ ބިދޭސީ އަންހެނެކެވެ. މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށްކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުޝަރުތަކާއެކު 43 އަހަރުގެ ދިވެހި ފިރިހެންމީހާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އަދި 43 އަހަރުގެ ބިދޭސީ ފިރިހެންމީހާ 15 ދުވަހުގެ މުއްދަތު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. 36 އަދި 32 އަހަރުގެ ބިދޭސީ ދެއަންހެނުންގެ ތަހުގީގަށް 1 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދީފައެވެ.މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުނެވެ.

ހަށިވިއްކުމުގެ މިމައްސަލަ ފެންމަތިވެފައިވާއިރު ދާދި އިހަކަށްދުވަހު ރާއްޖޭގައި ހިންގާ ސްޕާތައް ހަރުކަށި ގިނަ ގަވާއިދުތަކަކާއެކު ރަޖިސްޓަރީ ކުރުމަށް ވަނީ އަންގައި އިއުލާންކޮށްފައެވެ. މިގަވާއިދުތައް ހާމަކޮށް އަމުރުކޮށްފައި މިވަނީ ރާއްޖޭގައި ސްޕާތަކުގެ ނަމުގައ ބަދުއަހުލާގީ އަމަލު ހިންގުމާއި ހަށި ވިއްކުމުގެ ވިޔަފާރި ކުރާ އެފަދަ ތަންތަން ރާއްޖޭގައި ގިނަވަމުން އައުމަށް އެއްވެސް ފިޔަވަޅެއް ނޭޅި އެކަންތައް ކުރިއަށް ދަނިކޮށެވެ.