ސޯލާސެލް އަކުން އުފެއްދޭ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރު ކުރެވުމަކީ ޖުމުލަކޮށް އެއިން އުފައްދާ ހަކަތައިގެ އަދަދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. އެގޮތުން، އިތުރު ހަކަތަ އުފައްދައިގެން ސޯލާސެލްގެ "އެފިޝެންސީ" (efficiency) ނުވަތަ އޭގެ ސަމަކާރައިގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ތަހުލީލުވެރިން ގާއިމުކުރި ސޯލާސެލްގެ ސަމަކާރައިގެ އާ ރެކޯޑަކީ 29.15 އިންސައްތަ އެވެ. އެއީ "ޕެރޮވްސްކައިޓް/ސިލިކަން (perovskite/silicon) ޓެންޑެމް" ސޯލާސެލްގެ ގިންތިންނެވެ. އެއީ އެފަދަ ހަކަތަ އުފައްދާ ސެލްތަކުގެ ބާވަތްތަކުގެ ތެރެއިން އެއް ބާވަތުގެ ސެލް އެވެ. ސޯލާއެނަރޖީ ނުވަތަ އަވިން ލިބޭ ހަކަތަ، އިލެކްޓްރިކް ކަރަންޓަށް ބަދަލުކުރުމަށް ތަފާތު، ގިނަ، ފަންނިއްޔާތުތައް ބޭނުންކުރެއެވެ.
ކުރީއްސުރެ މި ބާވަތުގެ ޕެނަލްގެ ސަމަކާރައިގެ އަމާޒު ކަމަށްވާ 30 އިންސައްތަ އަކީ މިހާރު ކިރިޔާ އަތުޖެހޭ/ނުޖެހޭ ހިސާބުގައި އޮތް އަދަދެކެވެ. ނަމަވެސް މިހާތަނަށް ޕެރޮވްސްކައިޓް/ސިލިކަން ސެލްގެ ސަމަކާރައަކީ 28 އިންސައްތައެވެ.
ޓެންޑަމް ސޯލާސެލްއެއްގެ ފަށަލަތައް
ތަހުލީލުވެރިން ޝާއިޢު ކުރި ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުން، "މިގޮތަށް އާ ރެކޯޑެއް ގާއިމު ކުރެވުނީ، ޓެންޑެމް ސޯލާސެލްގެ ސަބަބުންނެވެ. އެއީ ސިލިކަން އާއި 'މެޓަލް ހެލައިޑް ޕެރޮވްސްކައިޓް' ޖޯޑެއް އެއްކުރުމުގެ ނަތީޖާއެވެ. އަޅުގަނޑުމެން މި ރިޕޯޓުކުރަނީ 'މޮނޮލިތިމް ޕެރޮވްސްކައިޓް/ސިލިކަން ޓެންޑެމް' އެކެވެ. އެއީ ހަކަތަ އުފައްދައިދިނުމުގެ 29.15 އިންސައްތައިގެ ސަމަކާރައެއްގެ ކަށަވަރުކަމާއެކުއެވެ."
ޕެރޮވްސްކައިޓް އާއި ސިލިކަން އަކީ ސޯލާ ޕެނަލްގައި ބޭނުންކުރުމަށް އެކަތި އަނެކައްޗާ ވަކިން އީޖާދުކޮށް ތަރައްގީ ކޮށްފައިވާ ސެމީކޮންޑަކްޓަރ ގެ ދެ މާއްދާއެކެވެ. އޭގެ ތެރެއިން ސިލިކަން ބޭނުންކޮށްގެން އުފައްދާ ސޯލާސެލްތައް ބޭނުން ކުރަމުންދާތާ އެތައް އަހަރު ތަކެއް ވެއްޖެއެވެ. އަދި އެއީ ދުނިޔޭގައި އަވިން ހަކަތަ އުފައްދާ އެންމެހައި "ފާމް" ތަކުގައިވެސް މިހާރު ބޭނުން ކުރާ މާއްދާއެވެ.
އެއާ ހިލާފަށް ޕެރޮވްސްކައިޓް އަކީ ފަހުގެ އީޖާދެކެވެ. އަދި އެއީ ސިލިކަންއާ އެންމެ ކައިރިކޮށް ވާދަކުރާ މާއްދާއެވެ. ސައިންޓިސްޓުން އުންމީދު ކުރަނީ، މި މާއްދާ ވެގެންދާނީ ސިލިކަންގެ ކާމިޔާބު އެއްކޮށް ފަނޑުކޮށްލާ އެއްޗަކަށް ކަމަށެވެ.
މި ސަބަބައްޓަކައި ސައިންޓިސްޓުން ދަނީ އެކި މިންވަރަށް ޕެރޮވްސްކައިޓް ހިމެނޭ އެކިއެކި ކޮމްޕައުންޑް ތައް ބޭނުންކޮށްގެން ތަހުލީލު ކުރަމުންނެވެ. އަދި އެއަށް ތަފާތު އެކި މާއްދާތައް އެއް ކުރަމުންނެވެ. އެގޮތުން މި ފަހަރު އެއްކުރީ ސިލިކަންއެވެ. "ޓެންޑެމް" އޭ ކިޔާފައި ނަންދީފައިވާ އެއްޗަކީ ދެ ސެމީކޮންޑަކްޓަރ ބޭނުންކޮށްގެން އަވީގައި ހިމެނޭ އަލީގެ "ސްޕެކްޓްރަމް" ގެ ދެ ދިމާލުގައި ހިމެނޭ އަލި "ހިފެހެއްޓުމުގެ" ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އެހެނީ، "އިންފްރާރެޑް" އާއި އޭގެ ދުރު އަލިތައް ސިލިކަންއިން ހިފަހައްޓައެވެ. އަދި ލޮލަށް ފެންނަ އަލީގެ ބައިތައް ޕެރޮވްސްކައިޓް ކޮމްޕައުންޑްތަކުން ހިފަހައްޓައެވެ.
މީގެ އިތުރު، މި ދެބާވަތުގެ މާއްދާ ބޭނުންކޮށްގެން ސޯލާ ޕެނަލް އުފެއްދުމުން އޭގެ އަގު މާބޮޑުތަން މައްޗަކަށް ނުދެއެވެ. ސޯލާ ޕެނަލް އުފެއްދުމުގެ އަގު ދައްކޮށް ހުރުމަކީ މި ފަންނިއްޔާތު ބާރުމިނެއްގައި ފެތުރުމަށް މުހިންމު ކަމެކެވެ.
މި ދިރާސާގައި 29.15 އިންސައްތައިގެ ސަމަކާރައެއް މިނެފައިވަނީ 1 ސެންޓިމީޓަރު ދިގު، 1 ސެންޓިމީޓަރު ފުޅާ، ކުޑަކުޑަ ޕެނަލްއެއް އުފައްދައިގެންނެވެ. ވީމާ ފުރިހަމަ ސައިޒުގެ ސޯލާ ޕެނަލް އެއް ތައްޔާރު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަ އޮތެވެ. ނަމަވެސް އެ ދިރާސާ ކުރި ސައިންޓިސްޓުން ބުނަނީ އެއީ އުނދަގޫކަމެއް ނޫންކަމަށެވެ.
300 ގަޑިއިރުގެ ތަހުލީލަށް ފަހުވެސް، އެ ޓެންޑެމް ސެލް އޭގެ ފުރަތަމަ ސަމަކާރައިގެ 95 އިންސައްތަ ހިފަހައްޓާފައިވެއެވެ. މިއީވެސް އުންމީދުން ފުރިފައިވާ ނަތީޖާއެކެވެ.
މި އާ ރެކޯޑު އަސްލު ރިޕޯޓުކޮށްފައިވަނީ މި އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް އޭގެ ދިރާސީ ކަރުދާސް ޝާއިޢު ކުރީ ޑިސެމްބަރ 11 ވަނަ ދުވަހުއެވެ. މި އާ ރެކޯޑު ގާއިމު ކުރުމަށް، ސައިންޓިސްޓުން ބޭނުންކުރީ އެކަމަށް ހާއްސަކޮށް ބަދަލު ގެނެސްފައިވާ މާއްދާގެ ފަށަލަތަކެއްގެ އެހީގައި މަތީގައި ބަޔާން ކޮށްފައިވާ ކަހަލަ ދެ ބާވަތުގެ ސެލް ގުޅުވައިގެންނެވެ.
މިއީ ފާގަތި ހިނދުކޮޅެއް ކަމަކު، ސައިންޓިސްޓުން ހުއްޓައެއް ނުލައެވެ. ކުރިން ހެދިފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި، ޓެންޑެމް ސޯލާސެލްގެ ފަންނިއްޔާތުން އޭގެ ސަމަކާރަ 30 އިންސައްތަ ފަހަނައެޅެންޖެހޭނެއެވެ. މިހާރުވެސް އެ ލަނޑުދަނޑި ހާސިލު ކުރުމަށް ފުރަތަމަ ހިޔާލުތައް ހުށަހަޅާފައިވާ ކަމަށް އެމީހުން ބުންޏެއެވެ.
މި ދިރާސާގެ ރިޕޯޓުވަނީ "ސައިންސް" މަޖައްލާގައި ޝާއިޢުކޮށްފައެވެ.