ރޭ މާފަންނު ފިހާރައެއްގެ ތެރޭގައި ޒަހަމްކޮށްލި މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. ވެންޓިލޭޓަރުގައި ޒަހަމްވި މީހާއަށް ފަރުވާ ދެމުން އަންނަކަން އެނގުނު ކަމުގައި ވިޔަސް ލިބިފައި ހުރި އަނިޔާގެ ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ.

މުރަނގަ މަގުގައި ހުންނަ "ކްރާސާ" ނަމަކަށް ކިޔާ މިފިހާރައަށް ވަން މީހާގެ ފަހަތުން ފިހާރައިގެ ތެރެއަށް ސައިކަލެއްގައި އައި ދެމީހަކު ވަދެ އެތެރޭގައި ހުރި މީހާއަށް ވަނީ ހަމަލަ ދީފައެވެ. އެމީހާގެ ގައިގައި ޒަހަމްވި ސީދާ ކޮންތަނަކަށް ކަން ނޭނގުނު ކަމުގައި ވިޔަސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަރަށް ބޮޑަށް އޭނާގެ ހާލު ގޯސްވަމުން އަންނަ މަންޒަރު ވަނީ ފެނިފައެވެ. އަދި ލެޔާ ތަތްތެޅިފައި އޮތް މި މީހާ އެމްބިއުލާންސްގައި ހަމަ އެވަގުތު އައިޖީއެމްއެޗުގެ އީއާރް އަށް ވަނީ ގެންގޮސްފައެވެ. އޭގެ ފަހުން އައިޖީއެމްއެޗުގެ އިމަރޖެންސީއިން މީހާ އައިސީޔޫ އަށް ބަދަލުކުރުމަށްފަހު އޭނާއަށް މިހާރު ފަރުވާ ދެވެމުން ދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް ވެއެވެ.

އެނގިފައިވާ ގޮތުގައި އެމީހާ އެ ފިހާރައަށް ވަނީ ސައިކަލުގައި އައި ދެމީހުންނަށް އަތު ނުޖެހި ސަލާމަތްވުމަށެވެ. އަދި ސައިކަލުގައި އައި ދެމީހުން ތިބީ ހެލްމެޓު އަޅައިގެންނެވެ.

ފިހާރައިގެ ތެރޭގައި ލެޔާ ތަތްތެޅިފައި އޮތް މީހާއަށް ވަގުތީ ފަރުވާ ދިނުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިޔޯއާއި މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމަށް ގެންދެވޭ ފޮޓޯގައި، ޒަހަމުވެފައި އޮތް މިމީހާގެ އުނަގަނޑުން ވަޅިއެއް ވަރަށް ސާފުކޮށް ފެނެއެވެ. އެހެންކަމުން މިއީ އެވަގުތު ފެންމަތިވެގެން ނުވަތަ ނޭނގުމަކުން ނޫނީ އިއްތިފާގަކުން ވީ ކަމެއް ނޫންކަން ހާމަވެއެވެ. މިއީ ދެގޭންގް ދެމެދުގެ މާރާމާރީއެއްތޯ އޮޅުން ފިލުވުމަށް ކުރި މަސައްކަތުން އަދި ވަކި ޖަވާބެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.