ހުޅުމާލޭގައި ހުންނަ "ޖޫސް ޓައިމް" ކެފޭއަށް ބުރާސްފަތި ދުވަހުގެ ރޭ ގެއްލުން ދިން މައްސަލައާއި މާލޭގައި މި ފަހުން ހިންގި މާރާމާރީތަކާ ގުޅެނީ މާލޭގައި ހަރަކާތްތެރިވާ ހަތަރު ގޭންގެއްގެ މެދުގައި ހިންގާ ހަމަނުޖެހުންތަކާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ. ސީޕީ ވިދާޅުވީ މާރާމާރީގެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލޭގައި ހިނގަމުންދާ މިމާރާމާރީތަކާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން ރަސްމީކޮށް "ނޫސް" ކޮންފަރެންސް ބާއްވާ ނޫސްތަކަށް މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ "އަދަދު" ނޫހަށް މިކަމާ ބެހޭ އިންޓަވިއުއެއް ދެއްވާފައެވެ.
ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމަކާ ގާތްވެފައި ވަނިކޮށް ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް' ކިޔާ ކެފޭއަށް ގެއްލުންދީ އެ ކެފޭ ތަޅައި ފުނޑުކޮށް، މުޅި ތަން މަރުތޭލަކުން ތަޅައި ގެއްލުންދީ ހަލާކު ކޮށްލާފައި ވަނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއް ކަމަށްވާ "ވައިކަންމަތި" އާއި "މަސްއޮޑި"، ދެމެދުގައި ޖެހިގެން އުޅޭ މައްސަލައަކާ ގުޅިގެން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އެ ހާދިސާގެ ސީސީޓީވީ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާ ދޭ ދެ މީހުން ވެސް ތިބީ ހެލްމެޓު އަޅައި މޫނު ފޮރުވައިގެންނެވެ. އަދި ދެ މީހުން އަތުގައި އޮތް މަރުތޭލުން ބިއްލޫރިގަނޑު ތަޅާލައި މުޅިތަން ތަޅައި ފިސްކުރާތަން ފެނެއެވެ.
"އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ސީޕީ މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ މި މާރާމާރީތަކުގެ ފެށުމަކީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި މި އަހަރު ކުރީކޮޅު ޖެހުނު މައްސަލަތަކެއް ކަމަށެވެ. ފަހަކަށް އައިސް މާލެ ސަރަހައްދުތަކުގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގަމުންދާ ނުރައްކާތެރި މި މާރާމާތީތަކަކީ "އެންސީ" ގޭންގާއި "ކުޑަހެންވޭރު" ގޭންގުން ހިންގާ މާރާމާރީތަކެއް ކަމަށެވެ.
ހަމީދު ފާހަގަކުރެއްވި ގޮތުގައި، މި މާރާމާރީތަކުގައި ހަރަކާތްތެރިވާ މީހުން ކުށްކުރަނީ ހެލްމެޓު އަޅައިގެން ތިބުމުގެ އިތުރުން ސައިކަލުތަކުގެ ނަންބަރު ޕްލޭޓްތައް ވެސް ބަދަލުކޮށްގެން ކަމަށެވެ. އެ ގޭންގުތަކަށް ނިސްބަތްވާ މީހުން ފިލަން އެކި 'ސޭފް ހައުސް' ބޭނުންކުރާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އެފަދަ ހަތަރު 'ސޭފް ހައުސް'އެއް ބަލައި ފާސްކޮށް، އެ ތަންތަނުން އެކި ބާވަތުގެ ހަތިޔާރު ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ ކަމަށްވެސް ސީޕީ "އަދަދު" ނޫހުގެ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.
"އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި ސީޕީ ވަނީ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން އިތުރު ފިޔަވަޅުތައް އަޅާނެކަން ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ ނުރައްކާތެރި މީހުންނާ މެދު ރައްޔިތުންވެސް ސަމާލުވާން ސީޕީ ވަނީ އިލްތިމާސް ކުރައްވާފައެވެ. މިގޮތުން މަގުމަތީގެ އަދަބު އަހުލާގާއި އާންމު އިޖުތިމާއީ މިންގަނޑުން ބޭރުވާ އަމަލުތަކާއި މާރާމާރީއަށް ޝައްކުކުރެވޭ ފަދަ އަމަލުތައް ފުލުހުންނަށް ރިޕޯޓުކުރުމާއި، ހެލްމެޓު އަޅައި މޫނު ނިވާކޮށްގެން (ސައިކަލުފަދަ ތަކެތި ދުއްވުމަށް ނޫނީ)ހަރަކާތްތެރިވާ ބަޔަކު ފާހަގަކުރެވޭނަމަ، އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖޭގައި އެކި ނަންނަން ކިޔައިގެން ހަރަކާތްތެރިވާ ގޭންގުތަކަށް ނިސްބަތްވާ މީހުންގެ އާއިލާގެ މެންބަރުން އެ މީހުންނަށް ނަސޭހަތްތެރި ވާންވެސް ސީޕީ ވަނީ މި އިންޓަވިއު ތެރޭގައި އިރުޝާދު ދެއްވާފައެވެ. މިފަދަ މާރާމާރީތަކުގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން ވެސް އެ ފަދަމީހުންނާ ވާހަކަދައްކަން އާއިލާތަކަށް އިރުޝާދު ދެއްވިއެވެ.
މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކުގައި އެންމެ ފަހުން ރޭ ވަޅިން ހަމަލާދީ ޒަހަމްކޮށްލި 30 އަހަރުގެ ދިވެހި ފިރިހެން މީހާ އޮތީ ވެންޓިލޭޓަރުގަ އެވެ. މާފަންނު މުރަނގަމަގުގައި ހުންނަ، 'ކްރާސާ' ފިހާރައިގެ ތެރޭގައި ރޭ 10 ޖަހާކަށް ހާއިރު އޭނާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހެލްމެޓް އަޅައިގެން ތިބެ އެ ފިހާރަ ތެރެއަށް ވަން ދެ މީހަކު ކަމަށްވެއެވެ.މިހާދިސާއާ ބެހޭ ގޮތުން ވަރަށް ސައްހަ ފަރާތަކުން "ހަލި" ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ވެންޓިލޭޓަރުގައި ފަރުވާދެވެމުން ދާ 30 އަހަރުގެ ފިރިހެން މީހާއަކީ އައްޑޫސިޓީގެ ހިތަދޫ އުސްގަނޑު ހިސާބުގައި އުޅޭ އައްޑޫސިޓީ ހިތަދޫ ގޭންގަކަށް ނިސްބަތްވާ މީހެއްގެ ކޮއްކޮއެއް ކަމަށެވެ.